އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ޖަޒީރާ މަންޒިލެއް ކަމުގައިވާ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއެކު, ރާއްޖެއާ ދެކޮޅަށް އިންޑިއާގެ މީސް މީޑިއާގެ ވަސީލަތްތަކުގައި ކެމްޕޭނެއް ފަށައިފިއެވެ.
ލަކްޝަޑްވީޕް އަކީ، ރާއްޖެއާއި ޖޯގްރަފީގެ ގޮތުން އެއްގޮތްކަން ހުރި، އަތޮޅެއްގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. އެ ރަށްތަށް އޮންނަނީ ހދ. އަތޮޅު މަތިން އިންޑިއާ އާ ދެމެދުގައެވެ. އިންޑިއާގެ މަލިކަކީ ލަކްޝަޑްވީޕްގެ ބައެކެވެ.
މިހަފްތާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ލަކްޝަޑްވީޕްއަށް ޒިޔާރަތް ކުރައްވާ، އެ ރަށްތަށް ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް ޕޯސްޓު ކޮށްފައެވެ. މޯޑީ ވިދާޅުވެފައިވަނީ އެ ރަށްތަކުގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
މޯޑީވަނީ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ގޮތުން، އެރަށުގެ ޤުދުރަތީ ތީރިކަން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި, އަދި ފީނުމަށް ވަޑައިގެންވި މަންޒަރުތައް ވެސް އެކްސްގައި ޕޯސްޓު ކުރައްވާފައެވެ.
މޯދީގެ އެކްސް ޕޯސްޓާއެކު އިންޑިއާގެ އެންމެ ޓްރެންޑިން ޓޮޕިކަކަށް ލަކްޝަޑްވީޕް ވެގެން ގޮސްފައި ވެއެވެ. އަދި އެތަނަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން އެތައްބަޔަކު ވަނީ ފާޅު ކޮށްފައެވެ.
އެހެންނަމަވެސް މޯޑީގެ އެކް ޕޯސްޓާއެކު ގިނަ ބަޔަކު ލަކްޝަޑްވީޕް ރާއްޖެއާއި އެއްގޮތް ކޮށްފައިވިނަމަވެސް، އިންޑިއާގެ ބައެއް ނޫސްވެރިންނާއި އަދި ސިޔާސީ ބައެއް ފަރާތްތަކުންވެސް ވަނީ ރާއްޖެއާއި ވާދަވެރި އެތައް ޓުވީޓުތަކެއް ކޮށްފައެވެ. އަދި ބައެއް ފާރާތަތްކުންވަނީ، "ޗައިނާއަށް ތާއީދުކުރާ ރާއްޖެއަށް" އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނުގޮސް ލަކްޝަޑްވީޕް ދިއުމަށްވެސް ގޮވާލާފައެވެ.
It seems it has reached the Maldives & many Maldivians are hurt with this.
Just to clarify that we have nothing against the Maldives, we are against your new govt which is pro China & anti India..
— Mr Sinha (@MrSinha_) January 5, 2024
އިންޑިއާގެ މީސް މީޑިއާގައި ފާޑު ކީ ބައެއް ފަރާތްތަކުން ވަނީ ލަކްޝަޑްވީޕްގައި ޓޫރިޒަމް ފެށުމާއެކު ރާއްޖެއިން "އިންޑިއާ އައުޓް"ވާނެ ކަމަށް ބުނެ، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަށް މޭރުންކޮށްވެސް އެކްސް ޕޯސްޓު ކޮށްފައެވެ.
އަދި މޯޑީގެ މި ޕްރޮމޯޝަނަލް ޕޯސްޓަކީ އިންޑިއާއިން ރާއްޖެއަށް އިތުރަށް ބޭނުން ނުވާކަމުގެ ސިގްނަލެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
India signals it doesn’t need Maldives. pic.twitter.com/gMdwMLwUaa
— Derek J. Grossman (@DerekJGrossman) January 5, 2024
އިންޑިއާއަކީ 2023 އަދި 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލްކަން ފާހަގަކޮށްލެއެވެ.
ކޮމެންޓު ފޮނުވާ