ކޯވިޑް-19 ގައި އެހެން ޤައުމުތަކުން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމާއި ރައީސް މައުމޫން ދެކޮޅު

ކޯވިޑް-19 ގައި އެހެން ޤައުމުތަކުން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމާއި ރައީސް މައުމޫން ދެކޮޅު

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 08:03
0

އެހެން ޤައުމުތަކުގައި ކޯވިޑް-19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އަވަށްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވަނިކޮށެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ،އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވެއެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.