ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވީ މާލެ ސިޓީއަށާއި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ޖުމްލަ ހައްލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ތިން ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު "ފުލް ފްލެޖް" ގައި ހިނގަމުން އަންނަ ތަން މިހާރު ފެންނަމުންދާ ކަމަށެވެ. އެކަމަކު، ކުރީގެ ސަރުކާރުން ލާމަރުކަޒީ އުސޫލުން ކަންކަން ކުރާ ވާހަކަ ދެއްކި ނަމަވެސް އަމަލުން އެކަން ތަންފީޒު ކުރި ތަނެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ ހާލަތު ބަދަލުވީ އިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް މިއަދު އެ ވަޑައިގަތީ ރާއްޖޭގައި އެންމެ ރަނގަޅު ކައުންސިލްގެ މޭޔަރުކަން ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި ޝިޔާމް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެންމެ ރަނގަޅަށް މަސައްކަތް ކޮށްދެއްވާނެ ރައީސަކީ އެމަނިކުފާނު ކަން ވޭތުވެދިޔަ 45 ދުވަހުގެ ތެރޭގައި ސާބިތުކޮށް ދެއްވާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދީގެން ނޫނީ ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ނުހިނގާނެ ކަމަށެވެ. އަދި ސަރުކާރުގެ އެއްބާރުލުމާ ނުލައި ރައްޔިތުންނަށް ހިދުމަތް ވެސް ނުދެވޭނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނާ އެކީގައި މަސައްކަތް ކުރައްވާނެ މާލެ ސިޓީ ކައުންސިލެއް އެ ތަނުގައި ގާއިމު ކުރެއްވުން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޓީމަކީ ރައީސް މުއިއްޒު އާ އެކީގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި އޭނާގެ ޓީމުން އެކަމުގައި މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.