މާލެ އަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނީ ގުދުރަތީ ނިޒާމުގެ ތެރެއިން ކުޅިތަކާއި ވެވުތައް ގެނެސްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު، މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެފައިވެއެވެ. ހާއްސަކޮށް މާލޭގެ މަގުތަކުގައި ފެން ބޮޑުވެ، 100 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
Heavy rains have flooded Male' and other islands. Existing concrete storm drains have failed and will likely keep failing in future. We need new designs, making use of nature: we should explore, for example, bringing back the Male' mangroves (Kulhi) and bathing tanks (Vevu).
— Mohamed Nasheed (@MohamedNasheed) January 2, 2024
ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ފެންބޮޑުވަނީ މިހާރު ހުރި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމުތައް ފެއިލްވެފައިވާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ސިސްޓަމްތައް ފެއިލްވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ގުދުރަތީ ކަންކަން ހިމެނޭހެން އާ ޑިޒައިންތަކުގެ ފެން ހިންދާ ނިޒާމު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން، ކުޅިތަކާއި ވެވުތައް މާލެއަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލޭގައި ފެންބޮޑުވެގެން ހާލުގައި ޖެހުނު ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ މަގެއް ހަދައި، މިހާރަށްވުރެ ވަރުގަދަ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމްތަކެއް ހަރުކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި އޮތީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. ހަދާއިރުގައި އަޑީގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމްކުރަން. ވަރަށް ފަލަ ހޮޅި ތަކެއް ލާފައި ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފައި،" ރައީސް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު، 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 118 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މާލެއާ ޖެހިގެން އޮންނަ ހުޅުލެއަށް 179 މިލިމީޓަރުގެ ވާރޭ ވެހުނެވެ.