ރާއްޖެ އާއި މޮރިޝަސް އާ ދެމެދުގެ އިން ވަކި ކުރުމުން ގެއްލުނު ސަރަހައްދު ހޯދަން ބޭރުގެ ދެ އެކްސްޕާޓުންނާ ސަރުކާރުން ހަވާލުކޮށްފިއެވެ.
ޗާގޯސް ކަނޑު ރާއްޖެއާ މޮރިޝަސްއާ ދެމެދު ބެހުމުން ގެއްލުނު ބައިގެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާ، އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭނެ ގޮތެއް ހޯދައި، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މި ސަރުކާރުން މިދިޔަ މަހު ވަނީ ބަންޑާރަ ނައިބު އޮފީހާ ހަވާލުކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސަރުކާރުން މިކަމާއި ގުޅިގެން ކުރިން އެކުލަވާލި ކޮމިޓީގައި އޭޖީ އޮފީހުގެ ވަކީލުންނާއި ޑިފެންސް މިނިސްޓްރީން ބައިވެރިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ މާހިރުން ދެނެގަނެ، އެ މަސައްކަތް މިހާރު އެބޭފުޅުންނާ ހަވާލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކާއެވެ.
"އެ ޕްރޮފެސަރު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ. އެބޭފުޅާގެ ރިޕޯޓް މި މަހުގެ މެދުތެރޭގައި ލިބޭނެ، ޔޫކޭ ބޭފުޅާގެ ރިޕޯޓް ފެބްރުއަރީ މަހު ރައީސްގެ ކެބިނެޓަށް ލިބޭނެ" ނާޒިމް ވިދާޅުވިއެވެ.
އެ ދެ އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލާ، ތައްޔާރުކުރާ ފައިނަލް ރިޕޯޓު ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނަޓަށް ހުށަހެޅިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ 92،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދުން ރާއްޖެއަށް ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބުނެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
ރާއްޖެއަށް ބޮޑު ބައި ލިބުނު ކަމަށް ބުނެ ކާމިޔާބީއެއްގެ ގޮތުގައި އޭރުގެ ސަރުކާރުން އުފާފާޅުކުރަމުން ދިޔަ އިރު، އޭރުގެ އިދިކޮޅުން ބުނަމުން ދިޔައީ އެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރީ ގޯސްކޮށް ކަމަށާއި ބޮޑު ބައި ހަގީގަތުގައި ލިބުނީ މޮރިޝަސްއަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ