އަންނަ އަހަރުގެ އަމާޒު 2 މިލިއަން ފަތުރުވެރިން ގެނައުމަށް

އަންނަ އަހަރުގެ އަމާޒު 2 މިލިއަން ފަތުރުވެރިން ގެނައުމަށް

Author
އައިޝަތު އަޙްމަދު
31 ޑިސެމްބަރ 2023 11:01
0

އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުކޮށްފައިވާކަމަށާއި، އައު މާކެޓުތަކަށް ޓޫރިޒަމް ފުޅާކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައު އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެކަމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. ޚާއްޞަ ސަމާލުކަމެއްދީގެން ރަޝިޔާގެ ބާޒާރުން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވީމާ ރަޝިޔަން މާކެޓަށް ފޯކަސްކޮށްގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން، އެމާކެޓުން އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތަކެއް ހޯދުމަށް.

– ފައިސަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިވަގުތު ކުރިއަށްދާ ރަޝިއާ-ޔޫކްރޭން ހަނގުރާމައާއިި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަލަމާލާތަކާއި ގުޅިގެން ދަތުރު ކުރުމުގައި ގޮތް ނުނިންމާ މީހުން ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން މާކެޓިން ވަރަށް ވަރުގަދަ ކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރަށް ސަރުކާރުން ކަނޑައެޅީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ އިތުރަށް ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.