މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ޚިދުމަތްދޭން ފަށައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ޚިދުމަތްދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2020 01:17
0

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން، އާބިޓްރޭޝަނުގެ ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.

2013 އަހަރު ފާސްކޮށްފައިވާ އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ރަސްމީކޮށް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ފަރާތުން ދޭން މިއަދު ފަށާފައިވާކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ. އެގޮތުން އެސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު މައްސަލަ ހުށަހެޅޭނެކަމަށާއި، ވަރޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެކަމަށްވެސް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ބުނެއެވެ.

އެސެންޓަރުގެ ފަރާތުން ވަރޗުއަލް ޚިދުމަތްތައް ތަޢާރަފުކުރުމާއިއެކު، ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެކަމަށާއި، އެސެންޓަރަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ އެސެންޓަރުގެ ވެބްސައިޓުން ހުށައެޅޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހު ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލް އެއް ޤާއިމްކުރުމާއި، އާބިޓްރޭޝަންގެ ޤަވާއިދުތައް ޝާއިއުކުރުން ހިމެނެއެވެ. އާބިޓްރޭޝަން ސެންޓަރުން ޚިދުމަތް ލިބިގަންނަ މީހުންނަށް އިތުބާރު ލިބޭނޭ ގޮތަށް، ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދެއްނޭކަމުގެ ޔަޤީންކަން އެސެންޓަރުން ދެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޒިންމާތަކުގެ ތެރޭގައި އާބިޓްރޭޝަނުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއެރުވުމާއި، އާބިޓްރޭޝަން ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމާއި، އެކަމަށް މަގުފަހިކުރުމުގެ އިތުރުން މައްސަލަ ޙައްލުކުރުމުގައި އާބިޓްރޭޝަނުގެ ވަސީލަތް އިޚްތިޔާރުކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު އެކުލެވިގެންވަނީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑާކާއެކުއެވެ. މި ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަށް ބޯޑު ބައްދަލުވާ ކޮންމެ ޖަލްސާއަކަށް، އެޓަރނީ ޖެނެރަލްގެ މަޝްވަރާގެމަތިން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަނޑައަޅާ ޢިނާޔަތެއް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.