އެމްޑީޕީ މިހާރު އޮތީ ރޫޅިފައިކަމަށާއި، އެއީ އެޕާޓީއަށް އިޚްލާސްތެރި މެންބަރުން އެޕާޓީން ދުރުކުރުމުގެ ނަތީޖާކަމަށް މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ޞަލިޙްގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ، އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވީ ވާހަކަފުޅަކަށް ދެއްވި ރައްދުގައެވެ.
އެމްޑީޕީގެ 13 މެންބަރުން އެޕާޓީން ވަކިވެ ވެރިކަންކުރާ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތުމުން ބިގޭ ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަ ކުރަން އަބަދުވެސް މަސައްކަތް ކުރާ ޕާޓީކަމަށާއި، ޕާޓީގެ މެމްބަރުން ބުރަ މަސައްކަތްކޮށް ހޮވި ޕާލަމެންޓް މެމްބަރުން އެހެން ޕާޓީ އަކަށް ދިއުން ރަނގަޅެއްނޫންކަމަށެވެ. އެމް.ޑީ.ޕީ އަކީ ރާއްޖެ އެދޭ ހެޔޮ ބަދަލަށް ވަކާލާތުކޮށް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރާ ޕާޓީކަމަށާއި، އެމް.ޑީ.ޕީގެ މެމްބަރުންނަކީ ސާބިތުކަމާއެކު ގައުމާއި ރައްޔިތުންގެ ކުރިމަގާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގަ މާޔޫސްކަމެއް، ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ މެންބަރުންކަމަށް ބިގޭ ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ޝިފާ ވިދާޅުވީ، އެމްޑީޕީ ރޫޅިއްޖެކަމަށެވެ. އެމްޑީޕީ މަގުމަތީގައި އޮތް ދުވަސްވަރުވެސް ރުޅާ ނުލެވުނުކަމަށާއި، ރައްޔިތުން ކުރި މަސައްކަތް ފުނޑާލުމުގެ ޒިންމާ އަދި ރައްޔިތުންގެ އުންމީދު ފުނޑާލުމުގެ ހިތި ނަތީޖާ އެޕާޓީއަށް މިހާރު ފެންނަމުންދާކަމަށް ޝިފާ ވިދާޅުވިއެވެ. ރައީސް ނަޝީދު އެކަހެރިކުރުން އެއީ 5 އަހަރުގެ މިޝަންކަމަށާއި، އަދި މެންބަރުން ކަނޑާ އެއްލާލުމަކީވެސް އެޕާޓީއަށް މިއަދު ދިމާވި ހިތި ނަތީޖާކަމަށް ޝިފާ ވިދާޅުވިއެވެ.
އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން އެޕާޓިން ވަކިވުމާއި ގުޅިގެން އެމްޑީޕީގެ ލީޑާޝިޕަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ