ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ 22 ވުޒާރާ އާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވީ މި މަހުގެ 18 ގައެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވި ކަން އިއުލާން ކުރައްވައިފައެވެ.
މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރުމުގެ މައްސަލަ ކޮމިޓީ އަށް ފޮނުވި އިރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިހާތަނަށް 22 ވަޒީރުންނަށް ރުހުން ނުދީ މަޑުޖައްސާލާފައި އޮތް ސަބަބަކީ އެ ވަޒީރުން މަސައްކަތް ކުރާ މިނިސްޓްރީތަކުގެ މެންޑޭޓާ މެދުގައި މަޖިލިހުން ގޮތެއް ނުނިންމާ އޮތުމެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާ އިރު އެ މައްސަލައިގައި ގޮތެއް ނުނިންމޭނެއެވެެ. އެކަމަކު، ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވައިގެން އެ މައްސަލައިގައި ގޮތެއް ނިންމިދާނެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޑިސެމްބަރު މަހު މަޖިލިސް ޗުއްޓީއަށްދާނެއެވެ. ނަމަވެސް މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ ދިގުދަންމާލާފައިވާތީ މަޖިލީހުގެ ދައުރު ނިމުންވެސް ލަސްކުރީއެވެ. މިއަދު މިދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވިގެންދާއިރު މިއަދުގެ ޖަލްސާއަށް ވެސް ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައެއް ނުވެއެވެ.