ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް ޕްރައިމަރީ އަން ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ބާއްވާގޮތަށް އެ ޕާޓީން ނިންމައިފިއެވެ. އަދި އެޕާޓީން ނިންމާފައިވަނީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ ޕާޓީން ރައްޔިތުންގެ މަޖިލިހުގެ ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާ ގޮތަށެވެ.
މިގޮތަށް ނިންމާފައިވަނި އެޕާޓީގެ ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ ފަރާތުން ހުރިހާ އިންތިހާބީ ދާއިރާކަށް ވާދަކުރުމަށާއި، ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޕާޓީގެ އިދާރީ ހިންގުމުގެ ބޭނުމަށް އުފައްދާ އިންތިހާބުތަކާގުޅޭ ކޮމިޓީގެ ބެލުމުގެ ދަށުން ފެބްރުއަރީ 17، 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ފާސްކޮށްފައިވާ ކަމުގައެވެ.
އެ ޕާޓީން އިތުރަށް ބުނެފައިވަނީ ޕްރައިމަރީއަށް ކުރިމަތިލާ ފާރާތްތަކަކީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރެއްކަމުގައިވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރެއް ކަމުގައިވުމަށް ވެސް ނޭޝަނަލް އެސެމްބްލީން ފާސްކޮށްފައިވާކަމުގައެވެ.
އަދި ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހެޅަން ޖެހޭނެކަމަށާއި، ޕްރައިމަރީގައި ވޯޓު ދެވޭނީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ކުރިން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓާ ކުރެވޭ މެމްބަރުންނަށްކަމަށް ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ