ހަބަރު ގެނެސްދޭން އޮންލައިންކޮށް ހިންގާ ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، އެ އޮންލައިން ނޫސްތަކަށް ނުވަދެވޭގޮތް ހަދާފައިވާތީ، ދަ ޑިމޮކްރެޓްސް އިން އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ޑިމޮކްރެޓްސްއިން ކަން ބޮޑުވުން ފާޅު ކޮށްފައިވަނީ ސަރުކާރަށް ފާޑު ކިޔަމުން އައި ދެ ނޫހެއް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ބްލޮކްކޮށް ނުވަދެވޭގޮތް ހަދާފައިވާ އޮންލައިން ދެ ނޫހަކީ dhiyavaru.com އާއި kurusee.com ކަމަށާއި، އަދިމި ދެ އޮންލައިން ނޫސްތައް ބްލޮކްކުރި ސަބަބެއް ސަރުކާރުން ސާފުކޮށް ބުނެދީފައި ނުވާކަމުގައެވެ.
މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަރނެޓް ސެންސަރޝިޕްގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ދެކެމެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރު ކަމަށާއި، އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމުގައެވެ.
ރޭގެ ވަގުތެއްގައި ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބުލޮކް ކޮށްފައެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.
މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ގިނަބައެއް ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.
ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ޝަހީބު ވިދާޅުވި އެވެ.
މި ދެ ވެބްސައިޓް ބްލޮކް ކުރި މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވެފައިވަނީ އެއީ ނުރައްކަލެއްގެ އިންޒާރުގެ ރަނގަބީލެއް ގޮތުގަ އެވެ. އަދި އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި ހިންގުމާ އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުން ކަމަށެވެ.
ދިޔަވަރު އޮންލައިންއާއި ކުރުސީ.ކޮމް ބްލޮކް ކުރުމަކީ ރާއްޖޭގައި ކުރިޔަށް އޮތް ތަނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިނިވަންކަމާއެކު ދެމި ނޯންނޭކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ