މިސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުވާނެކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.
އެމްޑީޕީ ޕީޖީން މިހެން ބުނެފައިމިވަނީ ރައީސާއި ނައިބު ރައީސް އަޒަލުކުރެވޭގޮތަށް އެމްޑީޕީގެ އަގްލަބިއްޔަތު އޮތް ކޮމިޓީއަކުން ފާސްކޮށްފައިވެސް ވަނިކޮށެވެ. އެމްޑީޕީގެ މެންބަރު އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފގާޢު ވަނީ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށައަޅުއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ މެންބަރު ޝިފާއު ވިދާޅުވެފައިވާ އެ ވާހަކަފުޅަކީ އެ މެންބަރުގެ ޚިޔާލުކަމަށެވެ. އަދި އެކަމަށް އެމްޑީޕީ ޕީޖީން ވަކި ގޮތެއް ނުނިންމާކަމަށާއި، ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުކަމަށް ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ މިސަރުކާރުން އެންމެ ޒިންމާދާރު ގޮތުގައި މަސައްކަތްކުރާކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ދެކެވަޑައި ނުގަންނަވާކަމަށެވެ.
ގިނަ މެންބަރުންގެ ވިސްނުން އެބަހުރި ސަރުކާރުން ކަންކަން ކުރެއްވުމުގައި އެންމެ ޒިންމާދާރު ގޮތް ނޫން ގޮތަށް ކަންކަން ކުރައްވަމުން އެ ގެންދަވަނީ. ވެވަޑައިގެންނެވި ވައުދުތައް ވެސް އެންމެ ފުރިހަމަ އަށް އަދާ ނުކުރައްވާ.
– އެމްޑީޕީ ޕީޖީ ލީޑަރު ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ މިހާރުވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ބައެއް ވަޒީރުން މަޖިލީހަށް ހާޒިރުކުރަމުން ގެންދާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހާލަތަށ ްބަލައި ސަރުކާރު ޒިންމާދާރު ކުރުވަމުން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ