މުސާރަ ބޮޑު ކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފި

މުސާރަ ބޮޑު ކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފި

Author
ހުސެއިން
20 ޑިސެމްބަރ 2023 11:47
0

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި، މިނިސްޓަރުންނާއި، އެސްއޯއީތަކުގެ އިސް ވެރިންނާއި، އަދި އެހެނިހެން ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ މުސާރަ ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް މެމްބަރު އީވާ ކުރެއްވި ޓުވީޓެއްގައި އޭނާވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މާލިއްޔަތު ކޮމީޓީއަށް އެކޮމިޓީގެ ނިންމުން ބަދަލު ކުރުމަށް ގޮބވާ ލައްވާފައެވެ. އޭނާ ވިދާޅުވީ ގައުމުގެ މާލީ ހާލަތު އޮތީ ސިޔާސީ މީހުންގެ މުސާރަތަށް ބޮޑު ކުރެވޭފަދަ ހާލަތެއްގައި ނޫންކަމަށެވެ.

ރައީސްއާއި ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި، އަދި މުސާރަ ބޮޑުކުރަން ބޭނުންވެސް ނުވާކަމުގައި ރައީސް މުއިއްޒުވެސް މިއަދުވަނީ ވިދާޅުވެފައެވެ. ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، މުސާރަ ބޮޑުކޮށްފިނަމަ އިތުރުވާބައި ހަދިޔާ ކުރައްވާނީ، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ކަމުގައެވެ.

ކުއްލި ގޮތަކަށް ދައުލަތުގެ އިސްވެރިންގެ މުސާރަ، މަޖިލިސް މެމްބަރުންނަށް އެއްލައްކަ ރުފިޔާ ލިބޭގޮތަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ލިބޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާއި ނާއިބު ރައީސް ހިމެނޭހެން، ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވުނު މާލިއްޔަތު ކޮމިޓީން ބައްދަލުވުމުގައެވެ.

މިހާރުގެ މުސާރަތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެމްބަރަކަށް މުސާރައިގެ ގޮތުގައި 62،500 ރުފިޔާއާއެކު، ކޮމިޓީ އެލަވެންސްއާއި ހިމެނުމުން މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވެއެވެ.

މިއަދު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންނަށް މަހަކު 80،000 ރުފިޔާ ބޮޑު ކުރުމަށެވެ. އެގޮތުން މި މުސާރައަށް ބަލާއިރު، ކޮމިޓީން ފާސްކުރި ގޮތަށް ބަލާއިރު، ކޮމިޓީ އެލަވެންސް އެއްކޮށްލުމުން މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ މަހަކު 100،000 ރުފިޔާއަށް އަރައެވެ. ކޮމިޓީ އެލަވެންސްގެ ގޮތުގައި މެމްބަރުންނަށް މަހަކު 20،000 ރުފިޔާ ލިބެއެވެ.

ބައެއް މެމްބަރުން ޚަބަރު އޮންލައިންއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް، ނައިބު ރައީސް، މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ މުސާރައަށް މިއަދު ކޮމިޓީން ގެނައި ބަދަލާއެކު، ކޮންމެ މަގާމަކަށްވެސް މުސާރައަށް ގާތްގަނޑަކަށް 25 ނުވަތަ 30 އިންސައްތަ ބޮޑުވެގެންދާނެއެވެ.

  • ކޮމިޓިން ބެނައި ބައެއް ބަދަލުތަކުގެ ތަފްސީލު:
  • މަޖިލީހުގެ ރައީސްއަށް 90،000 ރުފިޔާއަށް ބޮޑު ކުރުމަށް
  • މަޖިލީހުގެ ނައިބު ރައީސްއަށް 88،000 ރުފިޔާއަށް ބޮޑު ކުރުމަށް
  • އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާއަށް ބޮޑު ކުރުމަށް
  • އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާއަށް ބޮޑު ކުރުމަށް
  • އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާއަށް ބޮޑު ކުރުމަށް

މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރި ގޮތް:

  • ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 46،000 އަށް ރުފިޔާއަށް ބޮޑު ކުރުމަށް
  • ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 އަށް ބޮޑު ކުރުމަށް
  • ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ 35،000 އަށް ބޮޑު ކުރުމަށް
  • އަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000 އަށް ބޮޑު ކުރުމަށް
  • ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 25،500 އަށް ބޮޑު ކުރުމަށް
  • ރަށު ކައުންސިލްގެ ނައިބުންގެ މުސާރަ 20،000 އަށް ބޮޑު ކުރުމަށް
  • ރަށު ކައުންސިލަރުންގެ މުސާރަ 18،000 ރުފިޔާއަށް ބޮޑު ކުރުމަށް

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުވަދޫ ޝާޑް
ޙަލާލު ގޮތުގައި އެ އެތިކޮޅުވެސް ލިބުނީތާ