ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދަ 4 ހާހާއި ގާތަށް އަރައިފިއެވެ.
ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އިއްޔެއަކީ ރެކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އެތެރެވީ ދުވަހެއްކެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން އިއްޔެ ވަނީ ރާއްޖެއަށް 3،864 ފަތުރުވެރިން އެތެރެ ވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ވަރަކަށް ފަތުރުވެރިންނެވެ. ނަމަވެސް ނިމުނު ނޮވެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 1192 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިހިނގާ ޑިސެމްބަރު މަހު ފާއިތުވެ މިދިޔަ 12 ދުވަހު އެވްރެޖް ގޮތެއްގައި ދުވާލަކު 2200 އަށް ވުރެ ގިނަ ފަތުފުވެރިން ރާއްޖެ އެތެރެވެފައި ވެއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަނުން އެންމެ ގިނައިން ރާއްޖެ އެތެރެވެފައި ވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އޭގެ ފަހަތުން އިންޑިއާ އާއި އިނގިރޭސި ވިލާތުގެ ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ޑިމާންޑް ބޮޑުވަމުންދާތީ، ރާއްޖެއަށް އެންމެ ގިނަ މީހުން އުފުލާ އެމިރޭޓްސް އެއަރލައިނުން މިހާރު ވަނީ ރާއްޖެއަށް ކުރާ ދަތުރު ދުވާލަކު 3 ދަތުރަށް އިތުރުކޮށްފައެވެ. މީގެއިތުރުން ދެވަނައަށް އެންމެ ގިނަ މީހުން ރާއްޖެއަށް އުފުލާ ގަތަރު އެއަރވޭސް އިން ވެސް މިހާރު ދުވާލަކު 2 ދަތުރު ކުރަމުންގެންދެއެވެ. އަދި މި މަހުގެ 17 އިންފެށިގެން ދުވާލަކު 3 ދަތުރު ގަތަރު އެއާވޭސް އިން ރާއްޖެއަށް އަޅާނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރެވެފައި މިވަނީ ރާއްޖެއަކީ މިފަދަ ވަގުތެއްގައި އެންމެ ރައްކާތެރި ކަމާއެކު ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލް ކަމަށް ވުމުންނެވެ. ރާއްޖެ އަންނަން ބޭނުންވާ މީހުން އިތުރު ވީވަރަކަށް އެއަރލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރުތައްވެސް އަންނަނީ އިތުރު ކުރަމުންނެވެ. އެގޮތުން ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންގެ އަދަދު މިވަނީ 20 އަށް އިތުރު ވެފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ނިމެންވާއިރަށް ރާއްޖެއަށް ދަތުރުކުރާ އެއަރލައިންގެ އަދަދު 27 އަށް އަރާނެއެވެ.
ކޮމެންޓު ފޮނުވާ