ވ. ތިނަދޫގައި އަލަށް ޕޮލިސް ސްޓޭޝަނެއް ހުޅުވާ ޚިދުމަތް ދޭން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިއީ މުޖުތަމައުގެ ހާލަތު ރަގަޅުކޮށް، ސަލާމަތްތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް ކަމަށެވެ. މި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެކްޓިން ކޮމިޝަނަރ އޮފް ފޮލިސް ފަރުޙާދު ފިކުރީއާއި، ވ. ތިނަދޫ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.
ވ. ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އިތުރަށް ވިދާޅުވީ، ތިނަދޫގައި ހުޅުވި ޕޮލިސް ޕޯސްޓުގެ ޚިދުމަތަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައިއޮތް ރަށަކަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ މީހުންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށާއި އަމާން މާހައުލެއް ގާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން ކަމަށެވެ.
އަދި ފަތުރުވެރިންނަށް އެކިކަހަލަ އަނިޔާތައް ލިބިފައިހުރި ކަމަށާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުންފަދަ ކަންކަމީ މަދުން ނަމަވެސް ފަތުރުވެރިންނަށް ދިމާވެފައިހުރި ކަންކަންކަމަށާއި މިފަދަ ކަންކަން މުޖުތަމައުގައި އާންމު ވެއްޖެނަމަ ފަތުރުވެރިން އައުން މަދުވެ އަމާންކަމާއި ސުލްހަ މަސަލަސްކަން ނެތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް ސިފަވެ ރާއްޖޭގެ އިގުތިސާދަށް ވަންނަ ފައިސާގެ އަދަދު މަދުވެގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.