2024 ޖެނުއަރީ 13 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރި 12 ރަށެއްގެ 13 ގޮނޑިއަށް އިންތިހާބު ކުރަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ، އެ 13 ގޮނޑިއަށް މެންބަރުން އިންތިޚާބުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބުކުރީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ކަމުގައެވެ. 13 ގޮނޑީގެ ތެރެއިން އިންތިޚާބަލާ ނުލާ އެއް ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ފަރާތަކުންނެވެ.
ޕީއެންސީގެ މެމްބަރުން އިންތިޚާބުވި ގޮނޑިތަކުގެ ތެރޭގައި ހިމެނެނީ ވ. ރަކީދޫ ކައުންސިލްގެ މެމްބަރުކަމަށާއި، 11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރު ކަމަށެވެ. އަމިއްލަ ފަރާތެއް އިންތިޚާބު ވެފައިވަނީވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކަށެވެ.
މިއީ ޕީޕީއެމްގެ އެތެރޭގަ އުފެދުނު މައްސަލަތަކަށްފަހު، ވެރިކަންކުރާ މައި ޕާޓީއަކީ ޕީއެންސީކަމަށް ހަމަޖެހިގެން ދިއުމަށްފަހު އެޕާޓީއަށް ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ އަދަދެއްގެ ގޮނޑިތައް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ