ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި

Author
ހުސެއިން
16 ޑިސެމްބަރ 2023 05:50
0

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެއްސި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީމަހު ބާއްވާގޮތަށް ފަސް ކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޕްރައިމަރީ ފަސްކުރަން ޖެހުނީ މި މަހުގެ 23 ވަނަ ދުވަހަކީ ސްކޫލް ޗުއްޓީ ދުވަސްވަރަށް ވުމާއެކު، ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކަށް ގައުމުން ބޭރަށްދާތީ، ޕްރައިމަރީ ފަސްކޮށްދިނުމަށް އެދެމުންދާތީ ކަމުގައެވެ. އެ ސަބަބާހެދި އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ. ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ވެސް ޖެނުއަރީ މަސް ތެރޭގައެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޕީޕީއެމް/ޕީއެންސީން ޕްރައިމަރީގައި ވާދަކުރުމަށް 354 މެންބަރުން ކުރިމަތި ލާފައި ވެއެވެ.

އެހެންނަމަވެސް ޕްރައިމަރީއަށް ވާދަކުރުމަށް ކުރިމަތިލީ ބައެއް ފަރާތްތަކަށްވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރު ވެފައެވެ. އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރު ވެފައިވަނީ އެދާއިރާތަކަށް އެންމެ ބޭފުޅަކު ވާދަކުރުމަށް ކުރިމަތި ލުމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަން ނުޖެހި ޓިކެޓް ކަށަވަރުވީ ފަރާތްތަކަކީ:

ފޮނަދޫ ދާއިރާ – ޕީއެންސީގެ ޗެއާރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
އޭދަފުށި ދާއިރާ – އެދާއިރާގެ މިހާރުގެމެންބަރު އަހްމަދު ސަލީމް
ބާރަށު ދާއިރާ – ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާޢު
މަހިބަދޫ ދާއިރާ – އެދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
ގަލޮޅު ދެކުނު ދާއިރާ – އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް މުޙައްމަދު

އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާ – ނޫސްވެރިޔާ އަޙްމަދު އަޒާން

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެފަރާތްތަކަށް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގަމުންދާތީ އެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ޕީޕީއެމް/ޕީއެންސީ ބުނެފައި ވެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ވިދާޅުވެފައިވަނީ، ބައެއް އެހެން ޕާޓީތަކުން ކޯލިޝަންގައި ތިބި ނަމަވެސް، މިހާތަނަށް ނިންމާފައިވަނީ ޕީޕީއެމް/ޕީއެންސީ އެކަނި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ކަމުގައެވެ. ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް މިހާރުވަނީ 10،000 މެމްބަރުން ހަމަކޮށް، ދައުލަތުން ފައިސާ ޕާޓީއެއްގެ ގޮތުގައިވެސް ހިމެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.