ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވިކަން މިރޭ އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ކުރެއްވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން މިހާރު ކުރައްވާ ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ދާއިރާއާ ވަގުތީގޮތުން ދުރަށް ޖެހިވަޑައިގަންނަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނަރަލްކަން ކުރެއްވުމަށް ކަމަށެވެ. ނަޝީދު ވިދާޅުވީ އަންނަ މަހުން ފެށިގެން އެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށާއި މި ޖަމާއަތުގެ ވަޒީފައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ވީ މިންވަރަކުން ހިދުމަތް ކުރެއްވި ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ރައީސްކަމުގައި އެންމެ ބޮޑަށް މަސައްކަތްކުރީ އިޖުތިމާއީ ރައްކާތެރިކަން ހޯދާދިނުމުގެ ނިޒާމަކާއި ޓެކްސްގެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ. މި ދެ ކަންކަން ކޮންމެވެސް ވަރަކަށް ފުރިހަމަވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މަޖިލީހުން އެކުލަވާލި ގާނޫނުތައް ފާސްވެފައި ވުމަކީ ލިބޭ އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ފަރުތަކާއި ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހިނގާކަމީ ލިބޭ ދެރައެއް ކަމުގައި ވިދާޅުވި އެވެ. އަދި އެކަންކަން އިސްލާހު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިރު، ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ވާދަވެރިންނާއި އެމަނިކުފާނަށް ފުރައްސާރަކޮށް މަލާމާތްކުރާ ހަތުރުންނަކީ ވެސް މަސައްކަތުގެ ބައިވެރިންނާއި އެހީތެރިން ކަމަށާއި އެފަރާތްތަކަށް ވެސް ޝުކުރު ދަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގަންނަވަނީ އަހަރުތަކަކަށް ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުން އެމަނިކުފާނާ މެދުގައި ބެހެއްޓެވި ގާތްކަމާއި ކުރި އިތުބާރާއި އިހްތިރާމާއި ގަދަރަށް ޝުކުރު ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމަކީ ކުރެއްވި މަސައްކަތެއް ކަމަށާއި މިކަންކަން މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް އަށަގެންފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި ސިޔާސީ މަސައްކަތުގައި އަޅުގަނޑަށް ވަނީ ނުހަނު އަނިޔާ އާއި ހިތާމަވެރިކަމާއި އަނިޔާވެރިކަން ލިބިފަ އެވެ. ޖަލުގެ އަނިޔާ އާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރަން ޖެހުނެވެ. އަޅުގަނޑުގެ އާއިލާއާ ދުރުގައި އުޅެން ޖެހި، މުޅި ޒާތީ ހަޔާތް ވަނީ ބަރުބާދުވެފަ އެވެ. ބޮމުގެ ހަމަލާ އިން މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފައެވެ. ނަމަވެސް މި މަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ލިބިފައިވެއެވެ. އަޅުގަނޑު ބޮލުގައި އެޅުނު ކޮންމެ މަޅިއެއް މާފައްޗަކަށް ވަނީ ބަދަލުވެފަ އެވެ." ނަޝީދު ވިދާޅުވިއެވެ.