އަލީ އާދަމް

މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން މަޖިލިހުން ފާސްކޮށްފި

މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ގުޅުންހުރި

ވަރިވާން ހދ. ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި އަންހެނަކަށް ގުޅި ކަމަށް ތުހުމަތު ކުރެވޭ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި މަޖިލިހަށް ފޮނުވި އިރު އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

އެ ރިޕޯޓަށް މިއަދު ތަޅުމުގައި ވޯޓަށް އެހުމުން، އަލީ އާދަމް ވަކިކުރަން ފެންނަ ކަމަށް 46 މެމްބަރުން ވަނީ ވޯޓް ދެއްވައިފައެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއެވެ.

ޖޭއެސްސީން ކުރިން ބުނެފައި ވަނީ ވަރިވާން ހުށަހެޅި އަންހެން މީހާއަށް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މަޖިލިހަށް ހުށަހެޅި އެ މައްސަލަ މަޖިލިހުގައި އޮއްވައި އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފައެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ