އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމަށް ކުރީގެ ސަރުކާރުން ބޭރުގެ ކުންފުންޏަކާ އެކުގައި ހެދި އެއްބަސްވުން ރިވިއު ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންއާއެވެ. މިއީ އެ ކުންފުންޏާ އެސްޓީއޯއާ ދެމެދުގައި މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ގާއިމު ކުރި އެއްބަސްވުމެކެވެ. އަދި މިއީ އިހަވަންދިއްޕޮޅުގައި ޕްލޭން ކުރެވިފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އޭރު ގާއިމު ކުރަން ނިންމި ފެސިލިޓީއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކާ ގުޅިގެން ސައީދު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި އެ މަޝްރޫއު އޮތީ އެކްޓިވްކޮށް ކަމުގައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ މައުލޫމާތަށްޓަކައި މި ދަންނަވަނީ އެސްޓީއޯއާ އެކީގައި ސޮއިކޮށްފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އަޅުގަނޑު ޗެކްކޮށްލިން އެސްޓީއޯ އިން އެ އެމްއޯޔޫ އެކްޓިވްތޯ. ވިދާޅުވީ އެކްޓިވްކޮށޭ އޮތީ." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ޕްރޮޖެކްޓް ކުރިއަށްދާނެ ގޮތެއް ބަލަން އެމްއޯޔޫ ރިވިއު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރު ކުރެއެވެ.