ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އެދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ.
ސައުދުﷲގެ ފޯމު ހުށަހަޅުއްވަން ޕީއެންސީގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި އޭނާއަށް ތާއީދުކުރާ، ތިނަދޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ. ސައުދުﷲގެ ފޯމާއި ހަވާލުވެވަޑައިގަތީ ޕީއެންސީގެ ޗެއަރމަން އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްއެވެ.
ސައުދުﷲ ހިލްމީ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގައި ގޮނޑި ގެއްލުނުކަމަށް އޭރު ކަނޑައެޅުނު 12 މެމްބަރުންގެ ތެރޭގައި ސައުދުﷲވެސް ހިމެނިގެން ދިޔައެވެ. އެއަށްފަހު އޭނާވަނީ 19 ވަނަ މަޖިލިހަށް ވާދަކޮށްފައެވެ. އެހެންނަމަވެސް އެފަހަރު އިންތިޚާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.
ސައުދުﷲ އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. އެއަށްފަހު ސައުދުﷲ ވަނީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ގދ. ތިނަދޫގައި ވަރަށް އިސްދައުރެއް އަދާކޮށްފައެވެ.
ސައުދުﷲ ހިލްމީއަކީ ގދ. ތިނަދޫގައި ވަރަށް ބޮޑު ތާއީދެއް އޮންނަ، އަދި ރައީސް މުއިއްޒުގެ ވަރަށްބޮޑު އިތުބާރެއް އޮންނަ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ފޯމުހުށަހެޅުމުގެ ފުރުސަތު މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީޕީއެެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވާ ހޮނިހިރު ދުވަހު 10:00 އިން 16:00 އަށެވެ.
One Response
ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޔާމީނު ވަނީ މިސްޓޭކްތަކެއް ހަދައިފައެވެ. އެއީ ޕާޓީ މެމްބަރުންގެ ނުރުހުމާއެކު ޖޭޕީއަށް ގޮނޑިތަކެއް ދިނުމެވެ. ޢެކަމުގެ ނަތީޖާއަކަށްވީ ޕާޓީ މީހާ އަމިއްލަގޮތުން ކުރިމަތި ލުމެވެ. އަދި ވޯޓް ބެހި ދެމީހުންކުރެ މީހަކު ނުހޮވި އެމްޑީޕީ ގިނަ ގޮނޑިތައް ނެގުމެވެ. މިފަހަރުވެސް އެ މިސްޓޭކް ހަދައިފިއެވެ. މުޅިން ވަކި ޕާޓީއެއް ހަދައި އެޕާޓީންވެސް މީޙުން ނެރުމެވެ. ނަތީޖާއަކަށްވާނީ ކުރިން ވީގޮތަށް ގޮނޑިތަކެއް ގެއްލިގެން ދިއުމެވެ. އެހެންކަމުން މިފަހަރު އެހެން ނުވެ ވޭތޯ ބަލަންވާނެއެވެ.