މާލޭ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް (ރީނޫ) ދަ ޑިމޮކްރެޓަސް ޕާޓީން ވަކިވެއްޖެއެވެ.
ފާއިތުވި ޑިމޮކްރެޓްސް ޕާޓޫގެ އެތެރޭގެ އިންތިޚާބުގައި ވާދަވެސްކުރި ރީނޫ އެ ޕާޓީން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާ ޕާޓީން ވަކިވިކަން ހާމަކޮށްފައިވަނީ އޭނާކުރި އެކްސް ޕޯސްޓެއްގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި، ރީނޫ ވާދަކޮށްފައިވަނީ ޕާޓީގެ އަންހެނުންގެ ނާއިބު ރައީސާގެ މަގާމަށެވެ. އެހެން ނަމަވެސް އޭނާއަށް އެ މަގާމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނިމިދިޔަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މަކަރުހަދާ ވޯޓު އޮޅުވާލާފައިވާކަމުގެ ތުހުމަތު އެޕާޓީގެ ބައެއް މެމްބަރުން ވަނީ ކޮށްފައެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވިފައިވަނީވެސް ވޯޓު ލީތާ 24 ގަޑިއިރު ފަހުންނެވެ. ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްވުމުގެ ސަބަބުންވެސް އެޕާޓީގެ ލީޑަރޝިޕަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެގެން ދިޔައެވެ.
ކޮމެންޓު ފޮނުވާ