އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
03 ޑިސެމްބަރ 2023 09:22
0

އައްޑޫ ސިޓީގައި ހިންގި ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އެމީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫގައި މާރާމާރީއެއް ހިންގާފައިވާ އިރު، މި ދުވަސްވަރު މާލޭގައި ވެސް މާރާމާރީތަކެއް ވަނީ ހިންގައިފައެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވާ އިރު، އެ މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން އަދިވެސް ތިބީ ބަންދުގައެވެ.

އައްޑޫގައި ހިނގި ގްރޫޕު މާރާމާރިއާ ގުޅިގެން، އައްޑޫއަށް މާލެއިން އިތުރު ފުލުހުން ފޮނުވަން ވަނީ ނިންމައިފައެވެ. އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.