ގްރީން ކްލައިމެޓް ފަންޑަށް އެމެރިކާއިން ތިން ބިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އދ.ގެ ކޮޕް 28 ކްލައިމެޓް ސަމިޓްގައި، ނައިބު ރައީސް ކަމަލާ ހެރިސް ހޮނިހިރު ދުވަހު ދުބާއީގައި ވިދާޅުވެއްޖެ އެވެ.
20 ބިލިއަން ޑޮލަރަށްވުރެ ގިނަ ވައުދުތަކާއެކު އުފައްދާފައިވާ މި ފަންޑަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކްލައިމެޓް އެކްޝަންއަށް އެހީތެރިވުމަށް ހާއްސަކޮށްފައިވާ ބައިނަލްއަގުވާމީ އެންމެ ބޮޑު ފަންޑެވެ. ރޮއިޓާސް އިން އެންމެ ފުރަތަމަ ރިޕޯޓްކުރި، އެންމެ ފަހުގެ މިވައުދަކީ މީގެ ކުރިން އެމެރިކާއިން ދިން އިތުރު ދެ ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވައުދަކީ ފައިސާ ލިބިއްޖެނަމަ ފޯރުކޮށްދޭގޮތަށް ވެފައިވާ ވައުދެކެވެ. ސިޔާސީ ގޮތުން ބައިބައިވެފައިވާ އެމެރިކާގެ ކޮންގްރެސްއިން އެ ފައިސާ ދިނުމުގެ ހުއްދަ ދޭން ޖެހެ އެވެ.
ހެރިސް މި ވައުދު އިއުލާނު ކުރެއްވީ ސަމިޓްގައި ތަގުރީރު ކުރައްވަމުންނެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުން ރެޒިލިއަންސް، ކްލީން އެނާޖީ އަދި ނޭޗާ ބޭސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭ ގްރީން ކްލައިމެޓް ފަންޑަށް ތިން ބިލިއަން ޑޮލަރުގެ އާ ވައުދެއް މިއަދު އިއުލާނު ކުރުމަކީ ވެސް އަޅުގަނޑު ފަޚުރުވެރިވާ ކަމެއް.
އެކަމަނާ ވިދާޅުވި އެވެ.
އެ ފަންޑުގެ ފެސިލިޓޭޓަރުން މިދިޔަ އޮކްޓޫބަރު މަހު ބުނެފައި ވަނީ މިހާރު ގެނައި ދެވަނަ ބުރުގެ ރިޕްލެއިންމަންޓްތަކުގެ ސަބަބުން 2024 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރާ ދެމެދު މޫސުމަށް ނުރައްކާވާ ސަރަހައްދުތަކުގެ މަޝްރޫއުތަކަށް ފަންޑު ކުރުމަށް ގާތްގަނޑަކަށް 9.3 ބިލިއަން ޑޮލަރުގެ ވައުދުތަކެއް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، މިހާތަނަށް ވެފައިވާ ވަޢުދުތަކަކީ، 2030 ވަނަ އަހަރާ ހަމަޔަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކޮންމެ އަހަރަކު ވެސް ބޭނުންވާ ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރުގެ ކުޑަ މިންވަރެއް ކަމަށް އދ. އިން ބުނެފައި ވެއެވެ.
ކްލައިމެޓް އެޑަޕްޓޭޝަނަށް އެހީތެރިވުމުގެ އިތުރުން، ސާފު ހަކަތައަށް ގައުމުތަކަށް ބަދަލުވުމަށް އެހީވުމުގެ މަޝްރޫއުތަކަށްވެސް މި ފަންޑުން ފައިނޭންސް ކުރެވޭނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބަދަލުގައި ކޮޕް 28 ގައި އެމެރިކާ ތަމްސީލު ކުރައްވަމުން ގެންދަވާ ހެރިސް އަކީ މޫސުމާ ބެހޭ މަންދޫބު ޖޯން ކެރީގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާއި ކެބިނެޓްގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ އެމެރިކާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
"އެމެރިކާގެ ލީޑަރަކު ކޮޕްގައި ހުރިކަން ކަށަވަރު ކުރުމަކީ ރައީސާއި ނައިބު ރައީސަށް ވެސް ވަރަށް މުހިންމު ކަމެއް،" އޮފިޝަލަކު ވިދާޅުވި ގޮތުގައި ހެރިސް ބޭނުންފުޅުވީ "އެމެރިކާގައި އަޅުގަނޑުމެން ހޯދާފައިވާ ކުރިއެރުމުގެ ވާހަކަ ދުނިޔެއަށް ކިޔައިދޭކަން ޔަގީން ކުރުމަށެވެ.