މަސްތުވާތަކެއްޗަކީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން ނެތިކޮށްލާ ހުރަހެއް: ނައިބް ރައީސް

މަސްތުވާތަކެއްޗަކީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން ނެތިކޮށްލާ ހުރަހެއް: ނައިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2020 07:51
0

މަސްތުވާތަކެއްޗަކީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން ނެތިކޮށްލާ ހުރަހެއް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމުގައެވެ. އަދި، މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައެވެ.

މި ގޮތުން، މިއަދު ފަށްޓަވައިދެއްވި މަޝްރޫޢުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.