ކުރީގެ ރައީސް ޔާމިން އުފައްދަވާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު ދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ މިއަދު ދޫކުރައްވާނެކަމަށް ފުވާދު ވިދާޅުވެފައިވަނީ، ހުއްދަ ލިބުން ލަސްވެގެން، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ރައީސް ޔާމިންގެ ދައުރުގެ މުލިއާގޭ ޗީފް އޮފް ސްްޓާފްގެ މަގާމް އަދާކުރެއްވި އަހުމަދު މުސްތަފާ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.
މުސްތަފާގެ ޕޯސްޓަށް ޖަވާބު ދެއްވަމުން ފުވާދު ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ލިޔެކިޔުންތައް ލިބުނީ ކުރީދުވަހުގެ ހަވީރުކަމަށާއި، މިއަދު ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރައްވާނެ ކަމުގައެވެ.
ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދެވުމުގެ ކުރިން ނިންމަނަވަން ޖެހޭ ކަންކަމަށް އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނުގައި މަޝްވަރާކޮށްފައެވެ. އައު ސިޔާސީ ޕާޓީ އުފައްދަވަނީ ރައީސް ޔާމީންގެ ދަތިކަލުން ޒޭން ޢަބްދުﷲ ޔާމީންގެ ނަންފުޅުގައެވެ. އަދި ކުށުގެ ރެކޯޑް ސާފުކުރުން މިހާރު ނިމިފައިވާކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ މަލީހު ޖަމާލު ވަނީ ވިދާޅުވެފައިވެއެވެ.
ޔާމީންގެ ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެމަނިކުފާނު ވިދާޅުވީ، އެޕާޓީ ދޫކޮށްލެއްވީ ލީޑާޝިޕް އެމަނިކުފާނާ ދުރަށް ވަޑައިގަތުމުންކަމަށެވެ. ނަމަވެސް ޕީޕީއެމް ލީޑާޝިޕު ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާއި ދުރަށް ވަޑައިގަތީކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންމެވުންތަކުގެ އިސް ފަރާތަކީ ޑރ. ޖަމީލް ކަމަށެވެ.