ޖެއްސެވުނު ހިސާބު ރަނގަޅު ނޫންކަމަށް ނަޝީދު އެއްބަސްވެވަޑައިގެންފި

ޖެއްސެވުނު ހިސާބު ރަނގަޅު ނޫންކަމަށް ނަޝީދު އެއްބަސްވެވަޑައިގެންފި

Author
މުޙައްމަދު ޖިމީ
12 ޑިސެމްބަރ 2020 02:27
0

ޗައިނާއަށް ރާއްޖެއިން އަދާކުރަންޖެހޭކަމަށް ވިދާޅުވެ، ޖެއްސެވުނު ހިސާބުތައް ރަނގަޅު ނޫންކަމަށް އެއްބަސްވެވަޑައިގެން، ލޯނުތަކުގެ ގްރޭސް ޕީރިއަޑަށް 2 އަހަރު އިތުރުކޮށްދެއްވުމަށް ޗައިނާ ސަފީރުގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށާއި، 14 ދުވަހުގެ ތެރޭ ޗައިނާއަށް 15 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާގެ ލޯނުތަކާއި ހެދި ކޮވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވުމުން ޗައިނާ ސަފީރު ޖަންގް ލިޒޯންގްވިދާޅުވެފައި ވަނީ ބޭންކްތަކުން ދިން މައުލޫމާތަށް ބަލާއިރު، ރާއްޖެއިން، 14 ތެރޭގައި ތެރޭގައި ޗައިނާގެ ބޭންކްތަަކަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ޕޭމެންޓެެއް ނެތް ކަމަށެވެ. އަދި އެކައުންޓް ފޮތްތައް ބައްލަވާލައްވާ، ބަޖެޓަށް އެ ފައިސާ ރައްކާކޮށް ހިސާބުތައް ރަނގަޅަށް ޖެއްސެވުމަށް އެދިވަޑައިގަތެވެ.

އެއަށްފަހުރާއްޖެއިން ޗައިނާގެ 3 ބޭންކަކަށް މިމަހު ދައްކަންޖެހޭ ދަރަނީގެ ލިސްޓެއް އެމްޑީޕީގެ މަޖިލިސް މެންބަރަކު ޢާންމު ކުރެއްވުމުން ޗައިނާ ސަފީރު މިއަދު ވަނީ ޗައިނާ އަށް މިއަހަރު ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެ ތަފަސް ހިސާބު ޢާންމުކުރައްވާފައެވެ.

ސަފީރުގެ މިވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދުގެ ވާހަކަފުޅުގެ މޭރުން ވަނީ ބަދަލުކުރައްވާފައެވެ. ރައީސް ނަޝީދު ވަނީ ޗައިނަ ސަފީރުގެ ކަންބޮޑުވުންތަކަށް ޝުކުރު އަދާކުރައްވާ، ރާއްޖެއިން ޗައިނާއާއެކު އޮތް ގުޅުމުގެ އަގުވަންޒަންކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ޗައިނާއަށް އަދާކުރަންޖެހޭ ލޯނުތަކުގެ ގްރޭސް ޕީރިއަޑަށް 2 އަހަރު އިތުރުކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ. އެހެން ނޫންނަމަ ދަރަނި އަދާކުރުމަށް ރާއްޖެއަށް ދަތިވާނެކަމަށް ވިދާޅުވެ ދެޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދެއްވުމަސް ދެޤައުމުގެ ދިދަ ޓްވީޓްގައި ހިމަނުއްވާފައިވެއެވެ.

ރައީސް ނަޝީދާއި ޗައިނާ ސަފީރު ދޭތެރެދޭތެރެއިން ބައެއް ވާހަކަފުޅުތަކުގައި ދެބަސްވުންތައް އުފެދި ހޫނު ރައްދު ދެބޭފުޅުން ޓްވިޓާގައި އަމާޒުކުރައްވައެވެ.

ރައްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏާއި ގުޅޭގޮތުން ރައީސް ނަޝީދު އިއްޔެ ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވަމުން ޗައިނާ ސަފީރު މިއަދު ވިދާޅުވީ، ޗައިނާ އަށް މިއަހަރު ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު ކަމަށާއި، ހުޅުމާލެ ފޭސް 2 ގައި 1530 ހައުސިން ޔުނިޓް ޕޭމަންޓަކީ ޗައިނާގައި ހުންނަ އެހެން ގައުމެއްގެ ބޭންކަކަށް ދައްކަން ޖެހޭ ޕޭމަންޓެއްކަމަށެވެ.

ޗައިނާ ސަފީރު ވިދާޅުވީ، ސްޓެލްކޯ ފިފްތް ޕަވާރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައިކަމަށެވެ.

ނަޝީދު ޗައިނާއަށް އަމާޒުކޮށް ދައްކަވާ ވާހަކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޗައިނާ އިން ލޯނާއި އެކި އެކި އެހީ ނަގައިގެން ކުރީގެ ސަރުކާރުން ހިންގެވި މަޝްރޫޢުތަށް ކަމުނުދާއިރު، ޗައިނާ އިން ނަގާފައިވާ ލޯނަށްވުރެ ދެފުށް ނުފެންނަ ގޮތަކަށް އިންޑިއާއިން ލޯނު ނަގަން މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.