ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް ވަޑައިގަތް މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނެފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހ. ހުރަފާގޭގައި ހުންނަ ޕީއެންއެފް އޮފީހަށް ރައީސް ޔާމީން ވަޑައިގެންނެވި ކަން ކަރެކްޝަންސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން އެ އޮފީހަށް ވަޑައިގެންނެވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މާފުށީ ޖަލުގައި އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޔާމީން ވަނީ ގެއަށް ބަދަލުކޮށްފައެވެ. އޭގެ ދުވަސްތަކެއް ފަހުން، އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލުކޮށްފައެވެ.
ރަށު ބަންދަށް ރައީސް ޔާމީން ބަދަލު ކުރީ ކަރެކްޝަންސް އާއި އެމަނިކުފާނާ ދެމެދުގައި އެއްބަސްވުމެއް ގާއިމުކޮށް ސޮއިކުރެއްވުމުންނެވެ. މި އިގްރާރުގެ ދަށުން ހަމައެކަނި ބޭރަށް ނުކުންނެވޭނީ ސިއްހީ ކަންކަމުގައި އާއި ކަސްރަތު ކުރައްވާށެވެ. ގެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ކަރެކްޝަންސްގެ ހުއްދަ ހޯދަން ޖެހެއެވެ.
ޕީއެންއެފަށް ވަންނަ މެންބަރުންގެ ފޯމްތައް ފުރުން ކުރިއަށް ދާއިރު ރައީސް ޔާމީން މިރޭ ވަރަށް ގިނަ އިރު ޕާޓީގެ އޮފީހުގެ ތެރޭގައި އިންނެވިއެވެ. އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް އިންނެވިއެވެ.
ޔާމީން ޕީއެންއެފް އޮފީހުގައި އިންނެވި ފޮޓޯއެއް "އެކްސް" ގައި އާންމު ކުރެއްވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ.