ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި 5 އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ކުރީގެ ޕޮލިސް ބޯޑުން ނިންމާފައިވަނީ ގޯސްކޮށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަބުރާ ގެންދަން އަލަށް އައްޔަންކުރި ޕޮލިސް ބޯޑުން ނިންމައިފިއެވެ.
ކުރީގެ ޕޮލިސް ބޯޑުން 5 ފުލުހަކު ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން ނިންމުމުން އެ ފުލުހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުފާކުރަން ދައުލަތުން ހުށަހެޅީ މިއަހަރުގެ ޖެނުއަރީމަހުގެ 23 ވަނަ ދުވަހުއެވެ.
ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި 5 އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ނިންމި މައްސަލާގައި ސިވިލްކޯޓުން ކުރި ޙުކުމުގައިވަނީ ޕޮލިސް ބޯޑުގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅާފައެވެ.
މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އޭޖީ އޮފީހުން މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަޙްމަދު މުޙައްމަދު އާއި އިތުރު 4 ފަރާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ދަޢުވާކުރި ސިވިލް ކޯޓުގެ ނ. 3439/Cv-C/2021 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވަނީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށް ތަންފީޛުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެންނާތީކަމަށެވެ.
ޕޮލިސް ބޯޑުގެ ލަފައާއެކު ފުލުހުންގެ 7 އޮފިސަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައި ވަނީ 2021ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެއީ، ސުޕްރިންޓެންޑެންޓް މުހައްމަދު ދާވޫދާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.
މި މައްސަލާގައި ވަކިކުރި ފަސް އޮފިސަރަކު ސިވިލްކޯޓަށް ހުށަހެޅި މައްސަލައާ ގުޅިހގެން އެކޯޓުން ކުރި ޙުކުމުގައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާ ކަމަށެވެ.
"ޚަބަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އަލަށް އައްޔަންކުރި ފުލުހުންގެ އާ ބޯޑުން ވަނީ ކުރީގެ ބޯޑުގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް ދިއުމުން އެ ބޭފުޅުންނާ އެއްކޮޅަށް ކުރި ހުކުމް ބޯޑުގެ އެދުމަށް އިސްތިއުނާފްކޮށްފައި ވާތީ އެ މައްސަލަ އަނބުރާ ގެންނަން ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިފައެވެ.
އެހެންނަމަވެސް ބަންޑާރަ ނައިބުގެ އެކަމާއި ގުޅޭގޮތުން އަދި ވަކި ގޮތަކަށް ނިންމިކަން އެނގިފައެއް ނުވެއެވެ.
އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފުލުހުންގެ އިސް މަގާމްތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.
ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "ޕޮލިސް ބޯޑު" ގެ ބައެއް މެންބަރުން ވަކިކުރައްވައި ޕޮލިސް ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޔަން ކުރެއްވި ބޭފުޅުންނަކީ:
- އަޙްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) – ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- ޢާއިޝަތު ނޫރާ މުޙައްމަދު (ހ.ނޫމުތީ) – ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) – ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު ސަޢުދީ (އަލިމަސްގެ، ހއ.ހޯރަފުށި) – ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- ޙާމިދު ޢަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
- އަލްއުސްތާޛާ ޞަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) – ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު.
ޕޮލިސް ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ހަމަޖައްސަން އެ ބޯޑުން އިއްޔެ ފާސްކޮށްފައިވަނީ އެ ބޯޑަށް އައްޔަންކުރެއްވި އަހުމަދު ޝަރީފްއެވެ. ޗެއަރޕާސަންގެ ނައިބުގެ މަގާމަށް ހަމަޖައްސަވަން ފާސްކޮށްފައިވަނީ އެ ބޯޑުގެ މެމްބަރުކަމަށް އައްޔަން ކުރެއްވި އައިޝަތު ނޫރާ މުހައްމަދުއެވެ.
ޕޮލިސް ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އިއްޔެ ހަމަޖައްސަން ފާސްކުރ އަހުމަދު ޝަރީފްއަކީ މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.