ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއްބާރުލުންދީ އިގްތިސާދު ނަގައި ކޮޅަށް ޖަހަން ތެދުވުމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ނަސީމް މިއަދު ގޮވާލައްވައިފިއެވެ.
ނަސީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ދިވެހިންނަށާއި ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުން ކަމަށެވެ.
މިވަގުތު ދިވެހީންނަށާއި ދިވެހި ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް ސަރުކާރަށް އެއްބާރުލުން ދެއްވައި، ސަރުކާރު ދަމަހައްޓައި، އިޤްތިސާދީ އަދި އުމްރާނީ ގޮތުން ޤައުމު ނަގާ ކޮޅަށްޖެހުމަށް އަތުކުރި އޮޅާލުންކަމުގައި ދެކެން
— Ibrahim Naseem (@IbreyNaseem) November 25, 2023
ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް ސަރުކާރަށް އެއްބާރުލުން ދެއްވައި ސަރުކާރު ދަމަހައްޓައި އިގްތިސާދީ އަދި އުމްރާނީ ގޮތުން ގައުމު ނަގާ ކޮޅަށް ޖެހުމަށް އަތުކުރި އޮޅާލަން ޖެހޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
"މިވަގުތު ދިވެހިންނަށާއި ރާއްޖެ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް، ސަރުކާރަށް އެއްބާރުލުން ދެއްވައި ސަރުކާރު ދަމަހައްޓައި އިގްތިސާދީ އަދި އުމްރާނީ ގޮތުން ގައުމު ނަގާ ކޮޅަށް ޖެހުމަށް އަތުކުރި އޮޅާލުން ކަމުގައި ދެކެން،" ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ނަސީމް ވިދާޅުވިއެވެ.
ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ނަސީމް ގޮވާލެއްވި އިރު، ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއްް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އަދި ޔާމީންގެ ފަހަތްޕުޅުގައި އެންމެ އިސްކޮށް ތިއްބެވީ އެމަނިކުފާނުގެ އެންމެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.