ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝަރުޠު ހަމަވާނަމަ ކޮންމެ މީހަކަށްވެސް ޕާޓީއެއް ހެދިދާނެކަމަށާއި، ނަމަވެސް އެހެން ޕާޓީއެއް ރަމްޒުވާ ތަކެއްޗާ އެއްގޮތްވެގެން ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދާޅުވީ، ޕީޕީއެމުން ރައީސް ޔާމީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މާދަމާ ހުށައަޅުއްވާނެކަން ހާމަކުރައްވާފައިވަނިކޮށެވެ.
މިއާއެކު އައު ޕާޓީއަށް ކިޔާނެ ނަމާ ކުލަވެސް ވަނީ ފައިނަލްކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ރައީސް ޔާމީންގެ އައު ޕާޓީކަމަށްބުނާ ކުލައާއި ލޯގޯ އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް އެއީ ޞައްޙަ ލޯގޯއެއްކަން ނުވަތަ ކުލަކަމެއް ޔަޤީނެއް ނޫނެވެ.
މިއާއެކު ބައެއް ފަރާތްތަކުން ވަނީ ރައީސް ޔާމީނަށް ސިޔާސީ ޕާޓީއެއް އުފެއްދިދާނެތޯ އީސީއާ ސުވާލުކޮށްފައެވެ. އެއީ ރައީސް ޔާމީން ރަށު ބަންދުގައި ހުންނެވިނަމަވެސް އަދިވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައިކަމަށްވާތީއެވެ.
ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައެޅޭނީ ސާބިތު ދަރަންޏެއް ނެތް ނުވަތަ ހުކުމެއް ތަންފީޒް ނުކުރާ މީހަކަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވޭކަމަށެވެ.
ޕާޓީ އުފެއްދުމަށް ހުންނަންވާނެ ޝަރުޠުތައް:
1- ދިވެހި ރައްޔިތަކަށްވުން.
2- ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން.
3- އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން.
4- އެމީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޛުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
5- އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވުން.
6- ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުން.
7- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައިވުން.
8- މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަޚުލާޤީ ޢަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން،
9- ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލަ އާއި، ދިދަ އާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެ. އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެ.
ރައީސް ޔާމީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރައްވާއިރު ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމާއި ދެކޮޅު ހައްދަވާ، ރައީސް މުއިއްޒުއަށް ތާއީދު އޮތްކަން ވަނީ ހާމަކޮށްފައެވެ.
ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްއިން ދަނީ މިރޭ އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމަށް ބޭވުމަށެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.