ރައީސް މުއިއްޒުގެ ވެރިކަމަކީ ވަރަށް ބުރަ މަސައްކަތުން ގެނައި ވެރިކަމެއް ކަމަށާއި، ދެން ދެމި ހުންނާނީ މުއިއްޒުގެ ވެރިކަން ދެމެހެއްޓުމުގައި ކަމުގައި، އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅު ވެއްޖެއެވެ.
ޕީޕީއެމްގެ ކުރީގެ ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމާއި ގުޅިގެން، ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމާއި ދެކޮޅު ހައްދަވާ، ރައީސް މުއިއްޒުއަށް ތާއީދު އޮތްކަން ހާމަކުރަމުން ދަނިކޮށް މުންދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ހިތްވަރުގަދަ މެންބަރުން 5 އަހަރު ކުރި ބުރަ މަސައްކަތުން އެމް.ޑީ.ޕީ ވެރިކަމުން ދުރުކޮށް، ރައްޔިތުންގެ ބޮޑު އިތުބާރަކާއެކު، ޤައުމު ހިންގުން ރައީސް ޑރ. މުޢިއްޒާއި ޙަވާލުކުރުމުން، އެމަނިކުފާނުގެ ވެރިކަން ކާމިޔާބުކަރުމުގައިވެސް ދެމިތިބޭނީ ހަމަ އެބޭފުޅުން ކަމުގައެވެ.
ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ހިތްވަރުގަދަ މެންބަރުން 5 އަހަރު ކުރި ބުރަ މަސައްކަތުން އެމް.ޑީ.ޕީ ވެރިކަމުން ދުރުކޮށް، ރައްޔިތުންގެ ބޮޑު އިތުބާރަކާއެކު، ޤައުމު ހިންގުން ރައީސް ޑރ. މުޢިއްޒާއި ޙަވާލުކުރުމުން، އެމަނިކުފާނުގެ ވެރިކަން ކާމިޔާބުކަރުމުގައިވެސް ދެމިތިބޭނީ ހަމަ އަޅުގަނޑުމެން. pic.twitter.com/URETUsfuKK
— Mohamed Hussain Shareef (Mundhu) (@mundhu_maldives) November 24, 2023
ރައީސް މުއިއްޒުއަށް ތާއީދު ކުރާކަން ފާޅުކޮށް މުންދުވެސް ޓުވީޓު ކޮށްފައިވާއިރު، ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ވަނީ ރައީސް މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކޮށް ޓުވީޓު ކޮށްފައެވެ.
އެގޮތުން ރައީސް މުއިއްޒުއަށް ތާއީދު އޮތްކަން ހާމަކޮށް މިހާތަނަށް ޓުވީޓު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި، ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މިހާރުގެ ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫންއާއި، ޕީޕީއެމްގެ ނާއިބު ރައީސް އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ޔާމިން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދަވަނިކޮށް ޢައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން އެބޭފުޅުން ތިބީ ސަފުތަކުގައި ކެރުމައި އިހުލާސްތެރި ކަމާއި އެކު ސާބިތުވެ ކަމަށެވެ. އަދި ޢައްޒާން ވިދާޅުވެފައިވަނީ ޕީޕީއެމް އޮތީ ރައީސް މުއިއްޒުއާއެކު ކަމަށެވެ.
ޢައްސާންގެ އިތުރުން ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމް ވިދާޅުވެފައިވަނީ އޭނާގެ ޢަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ.މުޢިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައެވެ.
އަދި އޭނާއަށް އިތުބާރުކުރައްވާ ރައީސް ޑރ. މުއިއްޒު އަޅުގަނޑާ ހަވާލުކުރެއްވި ޤައުމީ މަސްޢޫލިއްޔަތު އޭނާގެ ލަޔާޣަތާ ޤާބިލިއްޔަތު ތަންދިން އެންމެފުރިހަމައަކަށް އަދާކޮށްދީ ޤައުމާ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީ ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެކުރީސަފުގައި މަސައްކަތްކޮށްދިނުމުގައި އޭނާ ތައްޔާރަށް ހުންނެވި ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އޭގެ އިތުރުން ކުރިން ރައީސް ޔާމިންއާއި އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަދި ރައީސް ޔާމިން ޖަލުގައި އޮންނެވިއިރު ދެޕާޓީގެވެސް އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި، ޑރ. މުއިއްޒުގެ މިހާރުގެ ޕޮލިޓިކަލް އެޑްވައިޒަރު އަބުދުއަރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށް ކަމަށެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ އިތުރުންވެސް، ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްމަގާމްގައި ތިއްބެވި، ޕީޕީއެމް ޕީއެންސީގެ އިސް އެހެންވެރިންވެސް ވަނީ ރައީސް މުއިއްޒުއަށް ތައީދު ކުރައްވާކަން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސްގެ މަގާމްގައި ހުންނެވި، މިހާރު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި، ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޚަލީލްވެސް ވަނީ އެބޭފުޅުން ދެމިތިއްބަވާނީ ރައީސް މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމުގައި ކަމުގައި ވިދާޅުވެފައެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަބުއްދުއްރަހީމްގެ ދަރިފުޅު އިބްރާހިމް ފައިސަލްވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިސާދީ ފުދުންތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒާއެކީ ކުރިއަށް ދިއުން މުހިންމު ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްއިން ދަނީ މިރޭ އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމަށް ބޭވުމަށެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ