ރައްޔިތުންނަށް ލިބެންޖެހޭ މަދަނީ ހައްގުތައް ލިބޭތޯ ކަށަވަރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އޮފީސް ފޯ ސިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމު ހަމަޖައްސައިފިއެވެ.
މިމަހުގެ 17 ވަނަ ދުވަހު އުފެއްދި އޮފީސް ފޯ ސިވިލް ރައިޓްސް އަކީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީހެކެވެ. އެގޮތުން މަދަނީ ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތައް ހުށައެޅުމަށް ގައިޑްލައިނެއް ވަނީ އެކުލަވާލާފައެވެ. އއެ ގައިޑްލައިންގައި ވާގޮތުން މަދަނީ ހައްގެއް ގެއްލިފައިވާ ކަމަށް އަމިއްލައަށް ފެނިއްޖެ ކޮންމެ މީހަކަށް އެ އޮފީހަށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި އަމިއްލައަށް އެކަން ކުރުމުގެ ގާބިލްކަން ނެތް ނަމަ ބަދަލުގައި އެހެން މީހަކަށްވެސް ޝަކުވާ ހުށަހެޅިދާނެއެވެ.
އޭޖީ އޮފީހުން ބުނީ މަދަނީ ހައްގުތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމާއި، އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރަން ހަމަޖެހިފައިވަނީ 'އޮފީސް ފޮ ސިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅުމާ ގުޅޭ ގައިޑްލައިން' އާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. މި ގައިޑްލައިނާއި، ސިވިލް ރައިޓްސް އޮފީހަށް ޝަކުވާ ހުށަހަޅާ ފޯމާއި، މި ނިޒާމާ ބެހޭ އިތުރު މައުލޫމާތު، ބަންޑާރަ ނައިބު އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ އޭޖީ އޮފީހުން ބުންޏެވެ.
ސިވިލް ރައިޓްސް އޮފީހުގެ މަސްޢުލިއްޔަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ އެންމެހައި މަދަނީ ޙައްޤުތައް ލިބިދޭކަން ކަށަވަރު ކުރުމާގުޅޭ މަސައްކަތްތައް ކުރުން ހިމެނެއެވެ. އަދި މަދަނީ ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭ ޝަކުވާތަކާއި މަދަނީ ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން މީހުންކުރާ ޝަކުވާތައް ހުށައެޅުމުން އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން ހިމެނެއެވެ.