ޕީސީބީގެ ރައީސްކަމަށް ހަމްދީ ހަމަޖައްސަވައިފި

ޕީސީބީގެ ރައީސްކަމަށް ހަމްދީ ހަމަޖައްސަވައިފި

Author
ހުސެއިން
23 ނޮވެމްބަރ 2023 07:01
0

ޕީސީބީގެ ރައީސްކަމަށް ރައީސް މުއިއްޒު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

ޕީސީބީގެ ރައީސްކަމަށް ރައީސް މުއިއްޒު ހަމަޖެއްސެވީ ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް އެވެ. އޭނާ މީގެކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީ އިން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެވަނީ މެމްބަރުން އައްޔަން ކުރައްވައިފިއެވެ.

ޕީސީބީ އަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރެއްވި މެންބަރުންނަކީ:

– އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652

– ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން

– ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ

މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭނާ އަށް އިއްޔެ ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފައެވެ. ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފައެވެ.

ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މީގެ ކުރިން ތިއްބެވީ ތިން މެންބަރުންނެވެ. އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެއެވެ.

މި މެންބަރުން އައްޔަން ކުރުމާއެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތް ހުރަސް ނެތިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.