ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަޒުލް އައްޔަންކޮށްފި

ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަޒުލް އައްޔަންކޮށްފި

Author
އަހުމަދު
22 ނޮވެމްބަރ 2023 10:07
0

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަކީ މަޖިލިހުގެ ގަވައިދުގެ 256 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.

އަދި މަޖިލިހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ފަޒުލް ކަމުގައި އެ ޕާޓީން އަންގަވާފައިވާތީ އެކަން އިއުލާން ކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވަނީ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަޒުލް އައްޔަން ކުރެއްވުމުން މަރުހަބާ ދަންނަވައިފައެވެ.

ފަޒުލް މީގެކުރިން ހުންނެވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް ލޯކަލް ގަވަނަންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ ފަހަކަށް ވެއްޓިފައެވެ.

މަޖިލީހުގައި ބާކީ ތިއްބެވި ޕީޕީއެމްގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ޕީއެންސީގައި ތިއްބެވީ ފަޒުލްގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.