ރައީސް މުއިއްޒުގެ ސަރުކާރު އެހެން ސަރުކާރުތަކާ ތަފާތުވާނެ ކަމަށާއި، މިސަރުކާރުގެ ސްޕީޑް ހުންނާނީ "މުއިއްޒު ދުވެލީގައި" ކަމަށް ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
މި ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ޚަލީލު ވިދާޅުވީ މި ސަރުކާރަކީ ބަންދު ދުވަސްތަކާ ނުލައި މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި، ރާއްޖޭގަ މީގެކުރިން ރައީސް ހުރިހާ ވެރިންނަށްވުރެވެސް ރައީސް މުއިއްޒު ތަފާތުވާނެ ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ "މުއިއްޒު ދުވެލީގައި" ސަރުކާރުން ކުރިޔަށްދާއިރު، ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީންނާއި އަދި ރައީސް އައްޔަން ކުރައްވާ އެހެން ބޭފުޅުންވެސް މަސައްކަތް ކުރައްވާނީ ހުކުރެއް ހޮނިހިރެއް ބަންދު ދުވަހަކަށް ބެލުމެއް ނެތި ކަމަށެވެ.
ޚަލީލު ވިދާޅުވީ އެއް ވާހަކައެއް އަނހާ އަނހާ ނޫސްވެރިން ތިބީ މާޔޫސްވެފައި ކަމަށާއި، "ވިޒިޓާ އިކޮނޮމީ ކައުންސިލް" ކައުންސިލްގެ ބޭފުޅުންނަށް ނަތީޖާ ނެރެވިދާނެތޯ ނޫސްވެރިން ސުވާލު އުފައްދަނީވެސް އެ ސަބަބާއި ހެދިމަށެވެ. އޭނާ މިހެން ވިދާޅުވީ އެއްވެސް "އާކަމެއް ނެތްކަމަށް" ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އެ ސުވާލު ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ކުރަން އަޅުގަނޑު އެދެން. ހަގީގަތުގައިވެސް އެއީ ވަރަށް ޖާއިޒު ސުވާލެއް. އެއީ ނޫސްވެރިންވެސް މާޔޫސްވެފަ. ރައްޔިތުންވެސް މާޔޫސްވެފަ މިތިބީ. އެއްވާހަކައެއް އަހާ އަހާ އެއަށް އަމަލީ ސިފައެއް ނުލިބި. އެހެންވީމަ އަޅުގަނޑުމެން އުއްމީދު ކުރިން ވަރަށް މާޔޫސީ ސުވާލު އަންނާނެ ކަމަށް. އަދި ވަކީން ހާއްސަކޮށް މި ބޭފުޅުންނަށް މިކަން ކަން ވާނެ ކަމާމެދުވެސް ތިބޭފުޅުން ސުވާލު އުފައްދާނެ. އެއީ މާޔޫސްވެފައި ތިއްބެވީމަ.
ޚަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ވަރަށް ގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެކަމަށާއި، އެންމެފަހުން ނޫސްވެރިން އުޅެން ޖެހޭނީ ފޮނުވާނެ ނޫސްވެރިޔަކު ނެތިގެން ކަމަށެވެ.