ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސް ކޮށްފިއެވެ.
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން 57 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 10 މެމްބަރުންނެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
މަޖިލިހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެއެވެ. ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓޫން ފާސް ކޮށްފައިވަނީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސަޕްލިމެންޓްރީ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރަށް ލަފާކޮށް ހުށަހެޅި 42.8 ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހަރަދުތައް އިތުރުވެފައި ވަނީ އާސަންދަ އާއި ސަބްސިޑީ އާއި ލޯން ދޫކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމާއި ޕީއެސްއައިޕީން ކަމަށެވެ.
އާސަންދަ އަށް ބަޖެޓުގައި ހިމެނި ހަރަދު އިތުރުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށް ފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށް އަމީރު ވިދާޅުވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އަމީރު ވިދާޅުވީ މި އަހަރުގެ ތެރޭގައި ބިން ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ނުލިބުމާއި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އާބަންކޯގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އާބަންކޯ އަށް ކެޕިޓަލް ދޭން ޖެހިފައިވާ ކަމަށެވެ. ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރުމަށް ބަޖެޓުން ޓްރެޝަރީ ލޯން ދޫކޮށްފައިވާނެ ކަމަށާއި އެގޮތުން އާރުޑީސީ އާއި ފެނަކައިގެ ޓްރެޝަރީ ލޯނަށް 291.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި މިއަހަރު ތެޔޮ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރައެވެ. ތެލުގެ ސަބްސިޑީ އެހާ ބޮޑުވީ ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާއަކީ ލޯނުން ހިންގާ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވެފައިވަނީ އިންތިހާބީ ރައީސްގެ އޮފީހުގެ އެދުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތްތަކަށް ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައި ވާނެ ކަމަށެވެ.