ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން ވަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
އިމިގްރޭޝަންގައި 14 އަހަރު މަސައްކަތް ކުރެއްވި ޝަމްއާން ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީ އިން ލޯ އެންފޯސްމެންޓް ދާއިރާއިން ޑިގްރީ ހާސިލު ކުރައްވައިފައެވެ.
ޝައްމާން އިމިގްރޭޝަނުން ވަކި ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އެކަމަކު މިދިޔަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައިފައެވެ. އަދި އޭނާ އަށް ވަޒީފާ ދިނުމަށް ވެސް ޓްރައިބިއުނަލް އިން ކުރި ހުކުމުގައިވެއެވެ. އޭނާ އެންމެ ފަހުން އަދާ ކުރައްވާފައި ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާއެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) އެވެ.
ކޮންޓްރޯލާ ޖެނަރަލްގެ މަގާމަށް ޝަމްއާން އައްޔަންކުރެއްވިއިރު އެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒު ވަނީ ދެއްވައިފައެވެ.
ކޮމެންޓު ފޮނުވާ