ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ން 16:00 އަށް، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ 3 މެމްބަރަކު ޕީޖީ ލީޑަރުކަމަށް ކުރިމަތިލާފައި ވާކަމުގައެވެ. އަދި އެތިން މެމްބަރުންގެ ނަންތައްވެސް މިހާރުވަނީ ތަރުތީބު ކޮށްފައެވެ.
މިއިންތިޚާބުގައި ކުރިމަތިލެއްވި މެމްބަރުންގެ ނަންތައް އާއްމުކޮށްފައިވާ ގޮތް ތިރީގައި މިވަނީއެވެ.
ލިސްޓު ތަރުތީބުކުރެވިފައިމިވަނީ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުންނެވެ.
1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާ ދުއްވުމާއި ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ. އަސްލަމް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމުން، މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަމުގެ މަގާމު ވެސް ވަނީ ގެއްލިފައެވެ.
ކޮމެންޓު ފޮނުވާ