ގަޑިބުރުން 5 ވަގުތު ބަންގީގެ އަޑު އިވޭނެ

ގަޑިބުރުން 5 ވަގުތު ބަންގީގެ އަޑު އިވޭނެ

Author
ހުސެއިން
19 ނޮވެމްބަރ 2023 06:37
0

މާލޭގައި ހުރި ޒަމާންވީ މަޝްހޫރު ބިނާއެއް ކަމަށްވާ މާފަންނު ގަޑިބުރު ބޮޑު މަރާމާތަކަށްފަހު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު ރޭ ހުޅުވައިފިއެވެ. ގަޑި ބުރު އަލަށް ހުޅުވާފައިވަނީ 5 ވަގުތު ބަންގީގެ އަޑުވެސް އިވޭ ގޮތަށެވެ.

ގަޑި ބުރު ހުޅުއްވާ ދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރޭ ހުޅުވައިދެއްވި ގަޑިބުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަޑިބުރު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއްކަމުގައެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްޤީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް މަޤުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަޑިބުރު ތަރައްޤީކޮށްފައިވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ. އަދި މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާފަންނު ގަޑިބުރަކީ، ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ޤަބޫލުކުރި ޤައުމުކަމުގައިވާ އަވަށްޓެރި ސްރީލަންކާއިން، ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަނަ އަހަރު، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރި ހަދިޔާއެކެވެ. އަދި ދުވަސްތަކަކަށް ގަޑިބުރު އެސަރަހައްދުން ނެގުމަށްފަހު މިރޭ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ ޒަމާންވީ ގަޑިބުރު ރަމްޒުކޮށްދޭ ޒަމާނީ ގަޑިބުރެކެވެ

ގަޑި ބުރު އަލުން މަރާމާތު ކޮށްފައިވަނީ ކާނަލް ނާޒިމްގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، (އާރް.ސީ.ސީ) އިންނެވެ. ގަޑިބުރު މިހާރު މުޅިން ނިމިފައިވާއިރު އަލުން ޑިޒައިން ކޮށްފައިވަނީ އިސްލާމީވަންތަކަން ރަމްޒުވާ ގޮތަށެވެ. ގަޑު ބުރުގައި ވަނީ ހަތަރު ފަރާތުން ބޮޑު ގަޑި ފެންނަހެން ބަހައްޓާފައެވެ.

މިގަޑިއަކީ ސްރީ ލަންކާއިން ހަދިޔާ ކޮށްފައިވާ ގަޑިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.