މަޖިލީހުގެ ހުސްވި 5 ދާއިރާގެ ބައި-އިލެކްޝަން ނޯންނާނެ

މަޖިލީހުގެ ހުސްވި 5 ދާއިރާގެ ބައި-އިލެކްޝަން ނޯންނާނެ

Author
ހުސެއިން
18 ނޮވެމްބަރ 2023 04:58
0

ރައްޔިތުންގެ މަޖިލިހުން ހުސްވެފައިވާ 5 ދާއިރާގެ ބައި އިލެކްޝަން ނޯނާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ 5 ގޮނޑިއެއް ހުސްވެފައިވަނީ އެ ގޮނޑިތައް ފުރުއްވަމުން ގެންދެވި މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ 5 މެމްބަރުން ވަނީ ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަން ކޮށްފައެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން ކުރިޔަށް އޮންނަ 60 ދުވަހުގެ ތެރޭގައި އެގޮނޑިޔަށް މެމްބަރަކު އިންތިޚާބުކުރަން ޖެހޭނެ ކަމުގައެވެ.

އެހެންނަމަވެސް ގޮނޑި ހުސްވާ ތާރީޚުން ފެށިގެން ކުރިޔަށް އޮންނަ މަޖިލިސް އިންތިޚާބާ ދެމެދު އޮންނަ މުއްދަތު 6 މަސްދުވަހަށްވުރެ ކުރުނަމަ އެ މުއްދަތުގައި ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރާކަށް ނުޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވާ މުއްދަތުގައި ގާނޫނު އަސާސީގައި ބުނާ މުއްދަތު ނެތުމުން ހުސްވި 5 ދާއިރާގެ ބައި އިލެކްޝަން ނޯންނާނެ ކަމުގައެވެ.

އަދި ބުނެފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު އަންނަ މާރޗްމަހު ފަހުކޮޅު ނުވަތަ އެޕްރިލްމަހު ކުރީކޮޅު ބޭއްވުމަށް އެކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ކުރަމުން ދާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.