ހުސްވެފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށާއި ހުސްވެފައިވާ ދެ ކައުންސިލަރުކަމުގެ މަގާމަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އަންނަ ޖެނުއަރީ މަރު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މޭޔަރާއި ކައުންސިލަރުން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އެލްޖީއޭއިން އަދި އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ނުވާކަމަށާއި، އެހެންނަމަވެސް އެކަން މިހާރު ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންނަމަވެސް ފެށޭ ހަފްތާތެރޭގައި އެކަން އެލްޖީއޭއިން އެކޮމިޝަނަށް އަންގާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވަމުން އެމުއްދަތުގައި އަންގައިފިނަމަ އަންނަ ޖެނުއަރީމަހު އިންތިޚާބު ބޭއްނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ކައުންސިލަރަކު މަގާމުން އިސްތިއުފަ ދެއްވައިފިނަމަ އެލްޖީއޭއިން އެކަން އީސީއަށް އަންގާތާ 45 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމް ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ. އަދި ދެ ކައުންސިލް މެންބަރުންގެ މަގާމު ހުސްވީ އެ މަގާމުތައް ކުރިން ފުރުއްވަމުން ގެންދެވި ބޭފުޅުން މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެނެވެ. އެ ދެބޭފުޅުންނަކީ މާލޭގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރުއެވެ.
ރައީސް މުއިއްޒު ވަނީ ދެބޭފުޅުންވެސް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ