ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ 5 އަހަރުގެ ދައުރު މިއަދު ނިމުމަކަށް އަންނައިރު އެމަނިކުފާނު ސިޔާސީ މަގާމްތައް ދެއްވި ބައެއް ބޭފުޅުން އެމްޑީޕީން ވަކިވެއްޖެއެވެ.
މިގޮތުން އެޕާޓީން ވަކިވުމަށް ސިޓީ ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއްވަންދެން ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ޝައުފާ ހިމެނެއެވެ. އޭނާ ހުންނަވާފައިވަނީ ހެލްތު މިނިސްޓްރީގެ ސިޔާސީ މަގާމެއްގައެވެ.
އޭނާ ބުނެފައިވަނީ އޭނާ އެމްޑީޕީ ދޫކޮށްލީ އެހެން ޕާޓީއަކާ ގުޅުމުގެ ނިޔަތުގައި ނޫންކަމުގައެވެ.
އެމްޑީޕީން ވަކިވުމަށްފަހު އޭނާވަނީ ރައީސް ސާލިހަށާއި ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންނަށް ޝުކުރު އަދަކޮށްފައެވެ. އޭނާވަނީ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހުގެ ކެމްޕޭންގައި ހަރަކާތްތެރި ވެފައެވެ.
އޭގެ އިތުރުން، ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ހަމަދު އަބްދުލްޣަނީވެސް ޕާޓީން ވަކިވާން ނިންމާފައިވާކަން ރޭ ވަނީ އިއުލާން ކޮށްފައެވެ.
އޭނާ ޕާޓީން އިސްތިއުފާ ދިން މައިގަޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ޓްރާންސްޕޯޓު މިނިސްޓްރީ ތެރޭގައި ހިންގަމުންއައި ކޮރަޕްޝަންގެ އަމަލުތައް ބަލާ ފިޔަވަޅު ނޭޅުމެވެ. އޭނާ ތުހުމަތު ކޮށްފައިވަނީ، ކޮރަޕްޝަންގެ މައްސަލަތައް ކަމާއި ގުޅުންހުރި މުވައްސަސާތަކަށް ހުށަހަޅާ، ނިޒާމުގެ ތެރެއިން އެމައްސަލަތައް ބެލުމަށް އޭނާ މަސައްކަތް ކުރާން ފެށުމުން އޭނާ ނިޒާމުން އެކަހެރި ކޮށްފައި ވާކަމަށެވެ.
އޭނާވަނީ، ރައީސް ސާލިހުގެ ދައުރުގެ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާގެ ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް މީޑިއާއަށް ތިލަ ކޮށްފައެވެ.
ހަމަދު އެމްޑީޕީއާއި ގުޅިފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައި، އޯގަސްޓުމަހުއެވެ. އޭގެ ކުރިން އޭނާ އުޅެފައިވަނީ ޖުމުހޫރީ ޕާޓީގައެވެ.
އެ ދެބޭފުޅުންގެ އިތުރުން ތައިލޭންޑް އެމްބަސީގެ ސެކަންޑް ސެކެޓްރީގެ މަގާމުގައި ހުންނެވި ހއ. ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. އޭނާވެސް ޕާޓީން ވަކިވަމުން ބުނެފައިވަނީ އޭނާއަށް ގަބޫލު ނުކުރެވޭ ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުގެ އެތެރޭގައި ހިގައިގެން ގޮސްފައިވާކަމުގައެވެ.
ކޮމެންޓު ފޮނުވާ