ކުންފުނިތަކުގެ އިސްވެރިން މަގާމްތަކަށް އައްޔަން ނުކުރަނީސް ފައިސާގެ ބޮޑެތި މުއާމަލާތްތައް ނުހިންމުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފިއެވެ.
މިއަދު ވެރިކަމުގެ ދައުރު ބަދަލުވާތީ، ސަރުކާރު ކުންފުނިތަކުގެ އިސް މަގާމްތަކުގައި ތިބި ވަރަށް ގިނަ ވެރީން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ދައުލަތުގެ ގިނަ ކުންފުނިތައް މިހާރު ހިންގަމުންދަނީ ވަގުތީގޮތުން އައްޔަން ކޮށްފައިވާ ބައެއް ފަރާތްތަކުގެ ބެލުމުގެ ދަށުންނެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ކުންފުނިތަކުގެ އެމްޑީން، ޑީއެމްޑީން ނުވަތަ ސީއީއޯއިން ނެތް ހާލަތުގައި ކުންފުނިތަކުގެ ހިންގުން ހަވާލުވާނީ އެގްޒެޖެޓިވް ބޯޑުގެ މެމްބަރުންނާ ކަމުގައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ނެތް ހާލަތުގައި ކުންފުނިތައް ހިންގާންޖެހޭ ގޮތް ސާފުރުކުމަށް އެ ބޯޑަށް ގުޅަމުން ދާކަމުގައެވެ.
ޕީސީބީން ބުނެފައިވަނީ، ކުންފުނީގެ އެގްޒެކެޓިވް ބޯޑަށް މެމްބަރުން އައްޔަން ކުރަންދެން، ދުވަހުން ދުވަހަށް ކުރާންޖެހޭ މުއާމަލާތްތައް ފިޔަވާ، އެހެނިގެން ބޮޑެތި ފައިސާގެ މުއާމަލާތްތައް ކޮށްގެން ނުވާނެކަމަށާއި، އަދި އެހާލަތުގައި ކުންފުނި ހިންގުން ހަވާލުކުރާން ޖެހޭނީ ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ، ކުންފުނީގެ މެނޭޖްމަންޓުގެ އެންމެ އިސްފަރާތާ ކަމުގައެވެ.
ޕީސީބީންވަނީ ކުންފުނިތަކުގެ ހިންގުން ހަވާލުކުރެވޭ އެންމެ އިސްފަރާތުގެ އީމެއިލް އަދި ގުޅޭނެ ނަންބަރު އެފަރާތާއި ހިއްސާކުރުމަށްވެސް އެދިފައެވެ.
ޕީސީބީން އެދިފައިވަނީ އިންތިގާލީ މަރުހަލާގެ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ޒިންމާދާރުކަމާއި ހާމަކަން ބޮޑުކޮށް ކުންފުނިތައް ހިންގައި ދިނުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ