އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓް މިރޭ އިފްތިތާހުކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ހަފްތާ 14″ ނަމުގައި މި މަގު ޗާޓް އިފްތިތާހް ކުރެއްވީ އިންތިހާބީ ރައީސް މުއިއްޒެވެ. އެ މަގު ޗާޓުގައި 161 ވައުދު ފުރިހަމަކުރުމަށް ހިމެނެއެވެ. އެ ޗާޓުގެ މަސައްކަތް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ
މިނިވަންކަމާއި ސިޔާދަތު
އިސްލާމް ދީނާއި ގައުމިއްޔަތު
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
އިގްތިސާދާއި ތިމާވެށި
އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު
ތައުލީމާއި ތަމްރީނު
ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު
އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އެމަނިކުފާނު ދެއްކެވި ކޮންމެ ވާހަކަފުޅެއް، ކޮންމެ ލަފްޒެއް، އެ ކަމެއް ހަގީގަތުގައި ކޮށްދެއްވާނެ ކަމަށެވެ. މިރޭ އިއުލާން ކުރެއްވީ ފުރަތަމަ 14 ހަފުތާގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މަދުވެގެން ހާސިލް ކުރައްވާނެ ކަންކަން ކަމަށާއި މަސައްކަތްޕުޅު ކުރައްވާނީ އެއަށް ވުރެ ގިނަ ކަންކަން ކުރެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށް ވެސް ހަމައެކަނި ކުރާނެ ކަންކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވުޒާރާތަކާއި ކުންފުނިތަކުން އެ އަށް ވުރެ މާ ގިނަ ކަންކަން ވެސް ހާސިލް ކުރާނެ،" މުއިއްޒު ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި ވަނީ މުއިއްޒު ކެމްޕެއިންގެ ތެރޭގައި ދެއްކެވި ހުރިހާ ވާހަކަފުޅަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހިމެނޭ ހުރިހާ ވާހަކަފުޅެއް ހިމަނައިގެން ފޮތެއް ނެރެފައެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުނީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވާށެވެ. އަދި ވައުދުތައް ފުއްދާ މިންވަރު ބަލަން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.