މުއިއްޒު ކެމްޕެއިނުގައި ދެއްކެވި ވާހަކަ ހިމަނައިގެން ފޮތެއް ނެރެފި

މުއިއްޒު ކެމްޕެއިނުގައި ދެއްކެވި ވާހަކަ ހިމަނައިގެން ފޮތެއް ނެރެފި

Author
އަހުމަދު
16 ނޮވެމްބަރ 2023 01:32
0

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ތެރޭގައި އާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމަނައިގެން ތައްޔާރުކުރި ފޮތް މިރޭ ނެރެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެ ދެއްވީ ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ)އެވެ.

ޖުމްލަ 900 ސަފްހާ ހިމެނޭ މިފޮތުގައި މި އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނާފައިވެއެވެ.  މުއިއްޒުގެ ވާހަކަފުޅުތަކުގެ އިތުރުން ރަށްރަށަށް ވަޑައިގެން ނަންގަވާފައިވާ ފޮޓޯތަކާއި ވައުދުތައް ވަކިން ފެންނާނެހެން ވަނީ ހިމަނައިފައެވެ.

ރިޔާސީ ކެމްޕޭނުގައި މުއިއްޒު ވަނީ  153 ރަށާއި ފަސް ސިޓީއަށް ދަތުރު ކުރައްވައިފައެވެ. މި ދަތުރުތަކުގައި 205 ފަހަރު ރައްޔިތުންނާ މުހާތަބް ކުރައްވާފައިވެއެވެ.

މުއިއްޒު ކެމްޕޭންތަކުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމަނައިގެން ތައްޔާރުކުރި ފޮތް މިރޭ ނެރެފައިވާއިރު، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ 100 ދުވަހުގެ މަގު ޗާޓު "ހަފްތާ 14″ ގެ ނަމުގައި ވަނީ އިފްތިތާހުކޮށްފައެވެ. އެ މަގު ޗާޓުގައި 161 ވައުދު ފުރިހަމަކުރުމަށް ހިމެނެއެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު އިފުތިތާހު ކުރެއްވުމަށް ފަހު، އެމަނިކުފާނު ވިދާޅުވީ ފޮތް ނެރެން އުޅުއްވާ ވާހަކަ ވިދާޅުވީމަ، އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ބައެއް ބޭފުޅުން ފާހަގަ ކުރެއްވި ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވި ތިއީ ވަރަށް ނުރައްކާތެރި ކަމެކޭ، ތި ފޮތް ނެރެގެން ނޯންނާއޭ ފިލޭނެ އެއް ގޮތް ވެސް. އަޅުގަނޑު ދެންނެވިން ދެއްތޯ ކެމްޕެއިންގައި އަޅުގަނޑު ރައްޔިތުން ގާތަށް އައީ ކެމްޕެއިންކޮށް ނިންމައި، ރައްޔިތުން އަޅުގަނޑުމެންނަށް ތާއީދުކޮށް ހޮވީމާ ފިލާކަށް ނުނޭ،" މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.