ހުކުރުދުވަހު، ޑރ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ އެންމެހާ އިންތިޒާމްތަކެއްވެސް، އިސްލާމީ މަރުކަޒުގެ އެއްވެސް ބައެއް ނަމާދުކުރުމަށް ބޭނުން ކުރުމުގައި ދަތިނުވާގޮތަށް ހަމަޖައްސަވާދެއްވުމަށް ޑރ. މުއިއްޒު އެދިވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި އެދިފައިވަނީ، ހުކުރުދުވަހު އަސުރުނަމާދާއި އަދި މަޢުރިބް ނަމާދަށްދާ މީހުން އެ މިސްކިތުގެ ދެކުނުފަރާތް ބޭނުން ކުރުމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޖުމުހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތީ އިސްލާމީ މަރުކަޒުގެ އުތުރުފަރާތް އެދުވަހުގެ މެންދުރުފަހު ނަމާދަށް ބޭނުން ނުކުރެވޭނެކަމަށެވެ. އޭގެ ސަބަބެއް ކަމުގައި ބުނެފައިވަނީ އެރަސްމިއްޔާތުގައި ބޭރުގެ ގިނަ އިއްޒަތްތެރިން ބައިވެރިވާތީ ސަލާމަތީ ސަބަބުތަކަށް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާން ފިރުޒުލް ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔަތުގެ ސަބަބުން މިސްކުތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަށް އިންތިޚާބީ ރައީސް ބޭނުންނުވާކަން އިސްލާމިކް މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކާ މިސްކިތައް ވަދެ ނުކުމެ އުޅުމުގައި ވަކި ދޮރާށިތަކެއް ބޭނުންކުރާގޮތަށް ހަމަޖެއްސި ނަމަވެސް، ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ތަނެއް ބަންދު ނުކުރުމަށް މުއިއްޒު އެދިވަޑައިގެންފައިވާކަމަށެވެ.
އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ހަމެޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:45 ގައި، އިސްލާމީ މަރުކަޒާއި އިންވެގެން އޮންނަ ޖުމުހޫރީ މައިދާނުގައެވެ.
ކޮމެންޓު ފޮނުވާ