އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ވަޑައިގަންނަވަނީ އިންޑިއާގެ ސައިންސް މިނިސްޓަރ ކިރަން ރިޖުޖު ކަން އެނގިއްޖެއެވެ.
އިންޑިއަން ހައިކޮމިޝަންއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ކިރަން ރިޖުޖުކަން ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
އިންތިޚާބީ ރައީސްގެ އޮފީހުންވަނީ އިންޑިއާއަށްވެސް ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ދައުވަތު ފޮނުވާފައެވެ. އެއޮފީހުން ފަހުން ބުނެފައިވަނި ސަރަހައްދީ ހުރިހާ ގައުމެއްގެވެސް އެންމެ މަތީވެރިންނަށް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ފޮނުވާފައިވާ ކަމަށާއި، ވަކިވަކި ފަރުންނަށް ޚާއްސަކޮށްގެން ދައުވަތު ނުފޮނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ވަޑައިނުގެންނެވޭ އެއް ސަބަބަކީ މިމަހު 17ގައި އޮންނަ ޖީ20ގެ ވޮއިސް އޮފް ގްލޯބަލް ސަމިޓުގައި އޭނާ ބައިވެރިވެވަޑައި ގަންނަވާތީއެވެ. ޖީ20ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން ގެންދަނީ އިންޑިއާއިންނެވެ.
އިންޑިއާގެ ބޮޑުވަޒީރުވަނީ 1018ވަނަ އަހަރު ރައީސް ސާލިހު ހުވާކުރެއްވި ރައްމިއްޔާތަށްވެސް ރާއްޖެއަށް ވަޑައިގެންފައެވެ. އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް އަވައްޓެރި ގައުމުތަކުގެ ރައީސުން ވަޑައިގެންނެވުމަކީ ރިޔާސީ އާ ދައުރެއް ފެށޭއިރު އާންމު ކަމެކެވެ.
އެހެންނަމަވެސް، ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯޑީ ވަޑައިގަތުމާއި ގުޅޭގޮތުން ގިނަބަޔަކު ޚާއްސަ ނަޒަރަކުން ދެކެނީ، ޑރ. މުއިއްޒުގެ ވެރިކަމުގެ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބައްޓަންވެގެންދާނޭ ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދާފައި ވާތީއެވެ.
މިގޮތުން ބައެއް ފަރާތްތަކުން ކުރިއްސުރެ ސިފަކުރަމުން އައިސްފައިވަނީ، މުއިއްޒުވެ ވެރިކަމުގައި އިންޑިއާ ރާއްޖޭގެ ގުޅުން ގޯސްވެގެން ދާނެކަމަށެވެ. އެހެންނަމަވެސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ހުރިހާ ގައުމަކާއެކީވެސް ގުޅުން ބާއްވާނެ ސަރުކާރަކަށް ކަމުގައެވެ. އެހެންނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ރާއްޖޭގައިތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަމުރު ކުރައްވާނޭކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.