އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އިބުރާހިމް ރަޒަން ރަޝީދު ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރަން ނިންމަވައިފިއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިޖިހުގެ މާފަންނު މެދު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާނޭކަން ހާމަކޮށް، ސޯޝަލް މީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދާއިރާގެ ގޮނޑި ނަގަން މަހުޖަނަކަށް ވާން ނުޖެހޭ ކަމަށާއި، މިއީ ޒުވާނުންގެ ފަހަރު ކަމުގައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ދާއިރާގެ އަޑު އުފުލައިދީ، ދައިރާގެ ހައްގުގައި ވަކާލާތު ކުރާނޭކަމަށް ބުނުމަކީ ފާއިތުވި ތަނުގައި މީހުން ދައްކާފައިވާ "ފޭކު" ވާހަކަ ކަމަށާއި، މަޖިލީހަށް ހޮވުމުން އޭގެ އެއްވެސްކަމެއް މެމްބަރުން ކޮށް ނުދޭކަމަށެވެ. އަދި އޭނާ ބުނެފައިވަނީ މިއީ މި ސަގާފަތް ބަދަލުކުރަންވީ ފަހަރުކަމަށާއި، މިފަހަރު ދާއިރާތަކަށް ބޭނުންވަނީ ޒުވާނުން ކަމުގައެވެ.
ރަޒަންއަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތަތްކުގެ ކުރީސަފުގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގައި ބާއްވަން އެ ދެ ޕާޓީން ވަނީ ނިންމާފައެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 20 ގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށް ވެސް ދެޕާޓީން ބުނެފައި ވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ދާއިރާތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކޮށް ބައެއް ކެންޑިޑޭޓުން މިހާރު ވެސް ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ