އަންނަ އަހަރަށް ލަފާކޮށް ދައުލަތު ބަޖެޓު ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުގައި ބުނާ މުއްދަތުގައި ވަޑައިނުގަތް މައްސަލައިގައި އަމީރުގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށާއި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމެވެ. އެ ދެ ބަޖެޓު ހުށަހެޅުމަށް އަމީރު މަޖިލިހަށް ވަޑައިގެންނެވުމުން ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. މަޖިލިހުގައި ނިޒާމީ މައްސަލަ ނަންގަވައި އެ މެމްބަރުން ވިދާޅުވީ ފިނޭންސް މިނިސްޓަރު ގާނޫނުއަސާސީ އާއި ގާނޫނާއި މަޖިލިހުގެ ގަވައިދާ ހިލާފުވެފައިވާތީ ފުރަތަމަ އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.
މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވެއެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ލަފައަކާ ގުޅިގެން ބަޖެޓު ހުށަހެޅުއްވުމަށްޓަކައި އަމީރު މަޖިލިހަށް ވަޑައިނުގަންނަވައެވެ. ބަންޑާރަ ނައިބު އޭރު ވިދާޅުވެފައި ވަނީ ނަޝީދު، މަޖިލިހުގެ ރައީސް ކަމުން ވަކިކުރުމަށް ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ނިޒާމީ މައްސަލަ ނަންގަވައި ނަޝީދު ވިދާޅުވީ މާލީ ވަޒީރު މަޖިލިހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށެވެ.
"ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެއީ މަޖިިލިހުގައި އޮތް އެންމެ ބޮޑު ނިޒާމީ ނުކުތާއެވެ.
"މަޖިލިހުގެ ބާރުތަކެއް ދޫކޮށެއް ނުލެވޭނެ މާލީ ވަޒީރަކަށް. މަޖިލިހަށް ގޮން ނުޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ